ހުޅުމާލޭގެ ރިވައިޒްކުރި މާސްޓަ ޕްލޭނަށް ހިޔާލު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.
ހުޅުމާލޭގެ ތަރައްގީއަށް ބޭނުންވާ މުހިއްމު ބަދަލުތައް ހިމަނައިގެން ރިވައިޒްކުރި މި މާސްޓަ ޕްލޭން ލޯންޗުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.
އެޗްޑީސީ އިން ބުނީ މާސްޓަ ޕްލޭނަށް ބަދަލު ގެނައީ ހުޅުމާލޭގެ ބަނދަރުގެ ޖާގަ ތަނަވަސްކުރުމާއެކު، ހުޅުމާލެއަށް ބޭނުންވާ އިތުރު ތަރައްގީގެ މަޝްރޫއުތަކަށް ފުރުސަތު ހޯދުމުގެ ބޭނުމުގައި ކަމަށެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މައުރޫފް ޖަމީލް ވިދާޅުވި ގޮތުގައި މި މާސްޓަ ޕްލޭނަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ގިނަ ފަސޭހަތައް ހޯދައިދިނުމަށް އިތުރު ވަސީލަތްތަކާއެކު ހުޅުމާލެ ތަރައްގީކުރުމަށް ކުރެވޭ މަސައްކަތުގެ މުހިންމު ބައެކެވެ.
މި މާސްޓަ ޕްލޭނާ ގުޅޭ އެންމެހާ މައުލޫމާތު އެޗްޑީސީގެ ޕޯޓަލްއިން މިހާރު ފެންނަން އެބަހުއްޓެވެ. އަދި ބޭނުންވާ ފަރާތްތަކަށް އޮންލައިންކޮށް ހިޔާލު ހުށަހެޅުމުގެ ފުރުސަތުވެސް މާސްޓަރ ޕްލޭން ލޯންޗުކުރުމާއެކު ވަނީ ހުޅުވާލާފަ އެވެ.
ހިޔާލު ހުށަހެޅުމުގެ ސުންގަޑިއަކީ ކުރިއަށް އޮތް ޖޫން 16 ވަނަ ދުވަހެވެ. މާސްޓަ ޕްލޭން ފައިނަލް ކުރާނީ އާންމުންގެ ހިޔާލާއި ހުށަހެޅުންތަކަށް ބެލުމަށްފަހު ކަމަށްވެސް އެޗްޑީސީ އިން ބުންޏެވެ.
އެޗްޑީސީ އިން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ އާންމުންގެ ހިޔާލާއި މަޝްވަރާއާއެކު ހުޅުމާލެ ތަރައްގީކޮށް، އެންމެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީވެފައިވާ ހިތްފަސޭހަ އައިލެންޑް ސިޓީއަކަށް ހުޅުމާލެ ހެދުމަށް ކަމަށެވެ.