މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިން 4-0ގެ ބޮޑު ތަފާތަކުން އޮޑި ސްޕޯޓްސް ކްލަބް ބަލިކޮށް އެފްއޭއެމް ލީގު ކަޕްގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
ގަލޮޅު ދަނޑުގައި މިރޭ ކުޅުނު ފައިނަލް މެޗުގެ ފަސްވަނަ މިނިޓްގައި އިބްރާހިމް އައިސަމް ގޯލު ޖަހައި މާޒިޔާ އަށް ލިޑު ނަގައިދީފައިވެ އެވެ. އަދި 28 ވަނަ މިނިޓްގައި މާޒިޔާ އިން ދެވަނަ ގޯލު ޖެހި އެވެ. އެއީ ހަސަން ރާއިފް އަހްމަދު (ހަންނަ) ބޯޅަ ކޮންޓްރޯލް ކުރުމަށްފަހު ތިރިތިރިން ގޯލަށް ވައްދާލި ބޯޅަ އެކެވެ.
ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އެރި 16 އަހަރުގެ ޒުވާން އިލާން މެޗުގެ 70 ވަނަ މިނިޓްގައި މާޒިޔާ އަށް ތިންވަނަ ގޯލު ޖަހައިދިނެވެ. އިލާން ފޮނުވާލި ބޯޅަ އޮޑީގެ ކީޕަރު މުހައްމަދު ޝަފީއު (ޗެކް) އަތްމަތިން ގޯލަށް ވަނެވެ.
މެޗުގެ 75 ވަނަ މިނިޓްގައި އިލާން، މާޒިޔާއަށްއަށް ހަތަރުވަނަ ގޯލު ޖަހައިދިނެވެ. މި މުބާރާތުގައި އިލާން އަކީ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ.
މުޅި މެޗަށް ބަލާއިރު މާޒިޔާގެ ގޯލްކީޕަރު ހުސައިން ޝަރީފް (ހުސެން)ގެ ފަރާތުން ފެނިގެން ދިޔައީ ވަރަށް މޮޅު ކުޅުމެކެވެ. އޮޑީގެ ކުޅުންތެރިން ފޮނުވާލި ހަމަލާތައް ހުސެން ފަސޭހައިން ސޭވްކުރި އެވެ.
އެފްއޭއެމް ލީގު ކަޕަކީ އަންނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ ޕްރީ ސީޒަން މުބާރާތެކެވެ. މި މުބާރާތުގައި ފުރަތަމަ ޑިވިޝަންގެ މާޒިޔާ، ޓީސީ، އޮޑީ އާއި ދެވަނަ ޑިވިޝަނުގެ ނިއު ރޭޑިއަންޓް އާއި މަހިބަދޫ ބައިވެރިވި އެވެ.
މުބާރާތުގެ ފެއާ ޕްލޭ ޓީމަކީ މަހިބަދޫ އެވެ. އެންމެ މޮޅު ކުޅުންތެރިޔާ މާޒިޔާގެ އައިހަމް އަށް ލިބުނުއިރު، އެންމެ މޮޅު ގޯލްކީޕަރަކީ ޓީސީގެ ސުޖަން ޕެރޭރާ އެވެ.