ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، "މީޑިއާ ފެންޑާ" ރަސްމީކޮށް މިއަދު ހުޅުއްވައިދެއްވައިފި އެވެ.
މީޑިއާ ފެންޑާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަދެނުކުމެވާ ދެކުނުފަރާތު ރަސްމީ ދޮރާށީގެ ކުރިމަތިން އޮންނަ ބިމުގައި، ދިވެހިރާއްޖޭގެ މީޑިއާތަކަށް ބޭނުންކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ތަނެކެވެ.
މީޑިއާ ފެންޑާގެ މައިގަނޑު މަގުސަދަކީ، ދައުލަތުގެ އަދި ސަރުކާރުގެ އެންމެ އިސް އޮފީސް ކަމުގައިވާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ހިނގާ ކަންކަމާއި، އެ ސަރަހައްދުގައި ހިމެނޭ ސަރުކާރު އޮފީސްތަކުގައި ހިނގާ ކަންކަމުގެ ހަބަރާއި މައުލޫމާތު ރަސްމީ ގަޑީގައި މީޑިއާއިން ހޯދުން ފަސޭހަކޮށްދިނުމެވެ.
މީޑިއާ ފެންޑާ ބަލަހައްޓާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބައެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. މީޑިއާ ފެންޑާގެ ސަލާމަތީ ކަންކަމާއި، އިދާރީ ކަންކަން ހިނގަމުންދާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މި ކަންކަން ބެލެހެއްޓުމުގެ ނިޒާމު ކަނޑައަޅައިފައިވާ އުސޫލުންނެވެ.
ސަރުކާރުގެ ރަސްމީ މަސައްކަތު ކޮންމެ ދުވަހަކު މީޑިއާ ފެންޑާ ހުޅުވާފައި ހުންނާނެ އެވެ. ނަމަވެސް ރަސްމީ މަސައްކަތު ދުވަހަކަށް ނުވި ނަމަވެސް މީޑިއާ ފެންޑާ ބޭނުންކުރާ ނޫސްވެރީން ބޭނުންވާ ހާލަތްތަކުގައި 24 ގަޑިއިރުވެސް މީޑިއާ ފެންޑާ ހުޅުވާފައި ހުންނާނެ އެވެ.
ރައީސް އޮފީހުން ބުނީ މީޑިއާ ފެންޑާ ބޭނުންކުރެވޭނީ ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ނެރޭ ނޫސް މަޖައްލާތަކާއި، ބްރޯޑްކާސްޓްކުރާ ފަރާތްތަކާއި، ވަސީލަތްތަކުގެ ދަފުތަރުގެ ގޮތުގައި މޯލްޑިވްސް މީޑިއާ ކައުންސިލުން ބަލަހައްޓާ މީޑިއާ ދަފުތަރުގައި ރަޖިސްޓަރީވެގެން، ގަވާއިދުން ހިނގަމުން އަންނަ ރާއްޖޭގެ މީޑިއާތަކަށް ކަމަށެވެ. އަދި އެ މީޑިއާތަކަށްވެސް މީޑިއާ ފެންޑާ ބޭނުން ކުރެވޭނީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާއްސަ ހުއްދައެއްގެ ގޮތުގައި ދޭ ފާހަކާ އެކުގައި ކަމަށްވެސް ބުންޏެވެ.
މީޑިއާ ފެންޑާއަކީ ގްރީން ޒޯނުގެ ސަރަހައްދުގައި ހުންނަ ޖާގައަކަށް ވާތީ، ގްރީން ޒޯން ބެލެހެއްޓުމުގައި ސަލާމަތީ ބާރުތަކުން އެ ވަގުތަކު ކަނޑައަޅާ ހުރިހާ އުސޫލެއް މީޑިއާ ފެންޑާއަށާއި އެސަރަހައްދަށްވެސް ހިނގާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.