ހަބަރު

ރާއްޖެ ޕެރިސް އެގްރީމަންޓަށް އަމަލު ކުރުމުގެ މައްސަލަ ކޮމިޓީއަށް

ޕެރިސް އެގްރީމަންޓަަށް ރާއްޖެއިން އަމަލު ކުރުމުގެ މައްސަލަ ދިރާސާ ކުރުމަށް ގައުމީ ސަލާމަތާބެހޭ ކޮމިޓީއަށް ފޮނުވައިފި އެވެ.

މިއަދުގެ މަޖިލީހަށް ރައިސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މަޖިލީހަށް ފޮނުވި ސިޓީގައި ވިދާޅުވެފައި ވަނީ މޫސުމަށް އަންނަ ބަދަލުތަކާބެހޭ ގޮތުން އެކުލަވާލައިފަވާ މުއާހަދާ ޔޫއެންއެފްސީގެ ބައިވެރިންގެ މެދުގައި ބޭއްވުނު ކޮޕް 21 ބައްދަލުވުމުގައި މޫސުމަށް އަންނަ ބަދަލުތަކާއި މެދު އެކުލަވާލައިފަވާ އާ އެގްރީމަންޓު ގައި ދިވެހި ރާއްޖެއިން ބައިވެރި ވުމަށް ނިންމައިފިވާ ކަމަށެވެ.

ދައުލަތުގައި، ވެރިކަން ކުރާ ހިނގާ ފަރާތަކުން ބައިވެރިވާ ބައިނަލްލަގުވާމީ މުއާހަދާތަކަށް އަމަލު ކުރަންވާނީ މަޖިލީހުން ފާސް ކުރުމުން ކަމަށް ގާނޫނޫގައި ބުނެފައި ވުމުން ޕެރިސް އެގްރީމަންޓްއަށް ރާއްޖެއިން އަމަލު ކުރާ މައްސަލަ މަޖިލީހަށް ހުށަހަޅައި ކަމަށް އެ ސިޓީގައި ވިދާޅުވެފައި ވެއެވެ.

މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެނވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު ވިދާޅުވި ރައީސް ހުށަހެޅި މައްސަލަ ދިރާސާ ކުރުމަށް ގައުމީ ސަލާމަތީ ކޮމިޓީއަށް ފޮނުވަން ނިންމާ ކަމަށެވެ.

ކޮޕް 21 ގެ އެއްބަސްވުމުގެ ނުކުތާތައް

- ޖައްވަށް ބޭރުކުރާ ގްރީން ހައުސް ގޭހުގެ މިންވަރު މަދުކޮށް ބެލެންސް ކުރުން
- ފިނިހޫނުމިން ދެ ޑިގްރީ ސެލްސިއަސް އަށް ވުރެ ދަށްކުރުން، 1.5 ޑިގްރީ ސެލްސިއަސް އަށް ލިމިޓްކުރަން މަސައްކަތް ކުރުން
- މަސައްކަތް ދާ ގޮތް ކޮންމެ ފަސް އަހަރަކުން މުތާލިއާ ކުރުން
- 2020 ގެ ފަހުން ތަރައްގީވަމުން އަންނަ ގައުމުތަކަށް އަހަރަކު 100 ބިލިއަން ޑޮލަރުގެ އެހީ