އެމްޓީޑީސީ

އެމްޓީޑީސީގެ ހިއްސާއަކަށް 50 ލާރި ބަހަން ފާސްކޮށްފި

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން އެ ކުންފުނީގެ ހިއްސާއަކަށް 50 ލާރި ބެހުމަށް ފާސްކޮށްފި އެވެ.

ހޮޓެލް ޖެންގައި ބޭއްވި އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާގައި، ހިއްސާއަކަށް 50 ލާރި ބެހުމަށް ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ 99 އިންސައްތައިގެ ވޯޓުންނެވެ. މިއީ 2023 ވަނަ އަހަރު ބެހި 60 ލާރިއާއި އަޅާބަލާއިރު 16.7 އިންސައްތަ ދަށް އަދަދެކެވެ.

މި ޖަލްސާގައި 2024 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއި ޑިރެކްޓަރުންގެ ރިޕޯޓް ފާސްކޮށްފައިވާއިރު، ކުރިއަށް އޮތް އަހަރަށް އެކްސްޓާނަލް އޮޑިޓަރެއްގެ ގޮތުގައި އާނެސްޓް އެންޑް ޔަންގް ހަމަޖައްސައި އެ ކުންފުންޏަށް 27,000 ޑޮލަރުގެ އުޖޫރައެއް ދިނުމަށްވެސް ނިންމާފައިވެ އެވެ.

އެމްޓީޑީސީގެ 2024 ވަނަ އަހަރުގެ މާލީ ނަތީޖާތަކަށް ބަލާއިރު، ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 1.9 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. މިއީ 2023 ވަނަ އަހަރު ލިބުނު 3.1 މިލިޔަން ޑޮލަރާއި އަޅާބަލާއިރު 38.7 އިންސައްތަ ދަށް އަދަދެކެވެ.

ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ނިޔާޒް ވިދާޅުވީ ފައިދާ ދަށްވުމުގެ މައިގަނޑު ސަބަބަކީ ނާގޮށި ސަބްލީޒް އެއްބަސްވުން ބަދަލުކުރުން ކަމަށެވެ.

"ނާގޮށީގެ ސަބްލީޒް އެއްޗެކަކޮށްފައިވުމުގެ ސަބަބުން ކުރީގައި ރެކޯޑްކޮށްފައިވާ ބައެއް ރިވެނިއު ދެން ރެކޯޑެއް ނުކުރާނެ ކަމަށް ވުމުގެ ސަބަބުން،" ނިޔާޒް ވިދާޅުވި އެވެ.

ދެހާސް ހަވަނަ އަހަރު ސަރުކާރުން އުފެއްދި އެމްޓީޑީސީއަކީ ފަތުރުވެރިކަމުގެ މަންފާ ދިވެހި ރައްޔިތުންނަށް ސީދާ ގޮތެއްގައި ހޯދައިދިނުމަށް މަސައްކަތްކުރާ ސަރުކާރާއި އާންމު ރައްޔިތުންގެ ހިއްސާ އޮންނަ ޕަބްލިކް ކުންފުންޏެކެވެ.