ޕާކިސްތާން

ޕާކިސްތާނަށް ދިން ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

އިއްޔެ ޕާކިސްތާނުގެ ލާހޯރުގައި ދިން ބޮމުގެ ހަމަލާ ދިވެި ސަރުކާރުން ކުށްވެރިކޮށްފަ އެވެ. ފޮރިން މިނިސްޓްރީން ވަނީ އެ ހަމަލާ ކުށްވެރިކޮށް ޓުވީޓެއް ކޮށްފަ އެވެ.

ޖާނުން ފިދާވެގެން ދިން މިހަމަލާގައި 65 މީހުން މަރުވެ، 300 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ. މި ހަމަލާގެ ޒިންމާ ޕާކިސްތާނުގެ ތޯލިބާނުންގެ ފެކްޝަނެއް ކަމަށްވާ ޖަމާޢަތުލް ޢަހްރާރް އިން މިހާރު ވަނީ އުފުލާފަ އެވެ.

މި ބޮން ގޮއްވާލާފައިވަނީ ޕަބްލިކް ޕާކެއްގެ ބޭރުގައި ކަމަށް ޕާކިސްތާނުގެ ހެލްތު އޮފިޝަލުން ވަނީ ހާމަކޮށްފައެވެ. ޖާނުން ފިދާވުމުގެ ހަމަލާ ދިން މީހާ އަމިއްލަ މީހާ ގޮއްވާލާފައިވަނީ، ޕާކިސްތާނުގެ ނަޞާރާއިން އީސްޓަރ ފާހަގަ ކުރަމުން ދަނިކޮށެވެ.

މިހަމަލާގެ ޒިންމާ ނަގާ، ތޯލިބާނުގެ ސްޕޯކްސްޕަރސަނެއް ބުނެފައިވަނީ މި ހަމަލާ އަމާޒްކުރީ ނަޞާރާއިންނަށް ކަމަށެވެ. މިހަމަލާއަށް ފަހު، ބޮން ގޮވި ސަރަހައްދުގައި ހަރަކާތްތެރިވި އޮފިޝަލުން ވިދާޅުވެފައިވަނީ، ގޮވީ ވަރަށް ވަރުގަދަ ބޮމެއް ކަމަށާއި، ބޮން ގޮވުމުގެ ސަބަބުން ބޮޑެތި އަނިޔާތަކާއި ގެއްލުންތަކެއް މީހުންނަށާއި އެ ސަރަހައްދަށް ލިބުނު ކަމަށެވެ.

އޮފިޝަލުން ވިދާޅުވެފައިވަނީ، އަދިވެސް މަރުވި މީހުންގެ އަދަދު މައްޗަށް ގޮސްދާނެ ކަމަށެވެ. އަދި މިހަމަލާއާއި ގުޅިގެން ފުލުހުން އެއްވެސް ބަޔަކު ހައްޔަރެއް ނުކުރެ އެވެ.