ރާއްޖެއިން މި އަހަރު މަސް އެކްސްޕޯޓްކުރި މިންވަރު 64.7 ޕަސެންޓް އިތުރުވެއްޖެ އެވެ.
މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ޖެނުއަރީ އިން އެޕްރީލްގެ ނިޔަލަށް ރާއްޖެއިން 31،300 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފައިވެ އެވެ.
މިއީ ފާއިތުވި 2024 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއިން ބޭރުކުރި 19،005 މެޓްރިކް ޓަނުގެ މަހާ އަޅާބަލާއިރު 12،300 މެޓްރިކް ޓަނު އިތުރުވުމެކެވެ.
މަހުގެ އެކްސްޕޯޓް ޖެނުއަރީ އިން އެޕްރީލަށް
- ޖެނުއަރީ - 5،710 މެޓްރިކް ޓަނު
- ފެބްރުއަރީ - 8،511 މެޓްރިކް ޓަނު
- މާޗް - 7،376 މެޓްރިކް ޓަނު
- އެޕްރީލް - 9،700 މެޓްރިކް ޓަނު
ރާއްޖެއިން މި އަހަރު އެންމެ ގިނައިން އެކްސްޕޯޓް ކުރީ ކަޅުބިލަ މަހެވެ.
އެ ގޮތުން އެޕްރީލްގެ ނިޔަލަށް 24،742 މެޓްރިކް ޓަނުގެ ކަޅުބިލަ މަސް ރާއްޖެއިން އެކްސްޕޯޓްކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ބޭރުކުރީ 12،186 މެޓްރިކް ޓަނުގެ ކަޅުބިލަ މަހެވެ.
ކަޅުބިލަ މަހުގެ އެކްސްޕޯޓް އިތުރުވި ނަމަވެސް ރީނދޫ އުރަހަ ކަންނެލި ބޭރު ކުރި މިންވަރާއި މަސްދަޅު އަދި ޕޯޗްޑްގެ ގޮތުގައި ބޭރު ކުރި މަހުގެ މިންވަރު ވަނީ ދަށަށް ގޮސްފަ އެވެ.
ރީނދޫ އުރަހަ ކަންނެލީގެ ގޮތުގައި މިދިޔަ އަހަރުގެ އެޕްރީލްގެ ނިޔަލަށް 3،740 މެޓްރިކް ޓަނު ބޭރުކުރިއިރު މަސްދަޅު އަދި ޕޯޗްޑްގެ ގޮތުގައި 2،555 މެޓްރިކް ޓަނުގެ މަސް ބޭރުކުރި އެވެ. ނަމަވެސް މި އަހަރުގެ އެޕްރީލްގެ ނިޔަލަށް ރީނދޫ އުރަހަ ކަންނެލީގެ ގޮތުގައި ބޭރުކުރީ 3،567 މެޓްރިކް ޓަނުގެ މަހެވެ.
މަސްދަޅު އަދި ޕޯޗްޑްގެ ގޮތުގައި ބޭރުކުރީ 2،127 މެޓްރިކް ޓަނުގެ މަހެވެ.