އެމްޓީސީސީ

ބޭންކް ކާޑުން ކުރި ދަތުރުގެ ތަފުސީލު އާރްޓީއެލް ވެބްސައިޓުން ބަލާލެވޭ ގޮތް ތައާރަފުކޮށްފި

އާރްޓީއެލް ވެބްސައިޓް މެދުވެރިކޮށް ބަސް އަދި ގްރޭޓާ މާލެ ސަރަހައްދު ފެރީގެ ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ބޭންކް ކާޑުން ޗާޖު ކުރެވިފައިވާ ދަތުރުގެ ތަފުސީލު ބަލާލެވޭ ގޮތް ތައާރަފުކޮށްފި އެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ އާރްޓީއެލް ވެބްސައިޓަށް މެދުވެރިކޮށް ބަސް އަދި ގްރޭޓާ މާލެ ސަރަހައްދު ފެރީގެ ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ބޭންކް ކާޑުން ޗާޖު ކުރެވިފައިވާ ދަތުރުގެ ތަފުސީލުތައް މިހާރު ފަސޭހަކަމާއެކު ބަލާލެވޭނެ ކަމަށެވެ.

އާރްޓީއެލް ވެބްސައިޓަށް ޒިޔާރަތްކޮށް ތިރިއަށް ސްކްރޯލް ކުރުމުން ފެންނަ "ޗެކް ޓްރިޕް ޑީޓެއިލް" ލިންކަށް ވަނުމަށްފަހު ބީއެމްއެލްގެ އެސްއެމްއެސްގައިވާ ރިފަރެންސް ނަންބަރު ޖެހުމުން ދަތުރުގެ ތަފުސީލު ފެންނާނެ އެވެ.

އެ ގޮތުން ދަތުރުކުރި ދުވަހާއި ގަޑީގެ އިތުރުން ބަސް ނުވަތަ ފެރީގެ ނަންބަރު ފެންނާނެ އެވެ.

މީގެ އިތުރުން ދަތުރުކުރި ރޫޓް އަދި އަގުވެސް ފެނެ އެވެ.