އިނގިރޭސި ވިލާތުން މިއަދުން ފެށިގެން ޑިސްޕޯސަބަލް ވޭޕް މަނާކޮށްފި އެވެ.
މި ފިޔަވަޅު އަޅަން ނިންމީ ކުޑަކުދިންގެ ސިއްހަތު ރައްކާތެރިކުރުމަށާއި ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމަށެވެ.
ޖޫނިއާ އެންވަޔަރަމަންޓް މިނިސްޓަރު މެރީ ކްރިގް ވިދާޅުވީ ޑިސްޕޯސަބަލް ވޭޕްތަކުން ކުޑަކުދިން ނިކޮޓިންގެ ވަބާގައި ޖެހުމުން ސަލާމަތްކުރަން ޖެހޭ ކަމަށެވެ. ޑިސްޕޯސަބަލް ޑިވައިސްތައް ކަންމަތީ ފިހާރަތަކާއި ސުޕަ މާކެޓްތަކުގައި ވިއްކުން ހުއްޓުވައި ވޭޕް ވިއްކުން ހުއްޓުވާނެ ކަމަށްވެސް ވިދާޅުވި އެވެ.
މި ގާނޫނާ ހިލާފުވާ މީހުން 200 ޕައުންޑުން ޖޫރިމަނާ ކުރާނެ އެވެ. އެއީ ގާތްގަނޑަކަށް 269 ޑޮލަރެވެ. އަދި އެ ކުށް ތަކުރާރުކުރާ މީހުން ދެ އަހަރަށް ޖަލަށް ލުމުގެ ބާރުވެސް ގާނޫނުގެ ދަށުން ލިބެ އެވެ.
އިނގިރޭސިވިލާތަށް 2021 ވަނަ އަހަރު ޑިސްޕޯސަބަލް ވޭޕް ތައާރަފްވީ ފަހުން ގިނަ އަދަދެއްގެ ޒުވާނުން ވަނީ ވޭޕުގެ މަސްތުގައި ޖެހިފަ އެވެ.
އިނގިރޭސިވިލާތުގައި ކޮށްފައިވާ ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި 2024 ވަނަ އަހަރު އެކަނިވެސް ކޮންމެ ހަފުތާއަކު ގާތްގަނޑަކަށް ފަސް މިލިއަން ޑިސްޕޯސަބަލް ވޭޕް އެ ގައުމުގެ މަގުތަކަށް އަޅާފައިވެ އެވެ.
ޑިސްޕޯސަބްލް ވޭޕް މަނާކުރުމުގެ ބިލް ފުރަތަމަ އިނގިރޭސިވިލާތުގައި ހުށަހެޅީ ކުރީގެ ކޮންޒަވޭޓިވް ސަރުކާރުންނެވެ. މިހާރު އޮތް ލޭބާ ޕާޓީގެ ސަރުކާރުންވެސް މިވަނީ އެ ބިލް ފާސްކޮށް ގާނޫނު ތަންފީޒުކުރަން ފަށާފަ އެވެ.
އިނގިރޭސިވިލާތުގައި ވޭޕް މަނާކުރުމުގެ ކުރިން ޔޫރަޕްގައި ބެލްޖިއަމް އާއި ފްރާންސުން ވަނީ ޑިސްޕޯސަބަލް ވޭޕް މަނާކޮށްފަ އެވެ. އަދި އަޔަލެންޑުގައިވެސް ވަރަށް އަވަހަށް ވޭޕް މުޅިން މަނާކުރާނެ އެވެ.