ދިރާގު

ދިރާގު ކަސްޓަމަރުންނަށް 46 ގައުމަކަށް ރޯމިންގްގެ ހާއްސަ ޕެކޭޖްތަކެއް

ދިރާގު ކަސްޓަމަރުންނަށް 46 ގައުމަކުން ރޯމިންގްގެ ހާއްސަ ޕެކޭޖްތަކެއް ތައާރަފްކޮށްފި އެވެ.

ދިރާގުން ބުނި ގޮތުގައި 150 ރުފިޔާއިން ފެށިގެން 775 ރުފިޔާގެ ދެމެދުގައި ލިބެންހުރި މި ރޯމިންގް ޕެކޭޖްތައް ފަރުމާކޮށްފައި ވަނީ އެކި ކަސްޓަމަރުންގެ ބޭނުންތަކަށް ހާއްސަކޮށްގެން އެކި މުއްދަތުތަކަށް ނެގޭނެ ގޮތަށެވެ.

މި ހިދުމަތް ލިބޭ ގައުމުތަކުގެ ތެރޭގައި ދިވެހިން އާންމުކޮށް ދަތުރުކުރާ ގައުމުތައް ކަމުގައިވާ އިންޑިއާ، ސްރިލަންކާ، މެލޭޝިއާ، ތައިލެންޑް، އޮސްޓްރޭލިއާ، ޗައިނާ އަދި ސައުދީ އަރަބިއްޔާ ހިމެނެ އެވެ.

މި ޕެކޭޖްތަކުގެ ތެރޭގައި ހައްޖާއި އުމްރާއަށް ސައުދީ އަރަބިއްޔާއަށް ދަތުރުކުރާ ކަސްޓަމަރުންނަށް ހާއްސަކޮށްގެން 375 ރުފިޔާއަށް 4ޖީބީ ލިބޭ ޕެކޭޖެއް ވެސް ހިމެނެ އެވެ.

ދިރާގު ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މި ޕެކޭޖްތައް ދިރާގުއެޕް އަދި މައިއެކައުންޓް މެދުވެރިކޮށް އެކްޓިވޭޓްކުރެވޭނެ އެވެ.

މި ޕެކޭޖްތައް ބޭނުން ކުރެވެނީ ޑޭޓާ ރޯމިންގް އެކްޓިވޭޓްކޮށްފައިވާ ނަންބަރުތަކަށް ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ.

ދިރާގުން ތައާރަފުކުރި މި ޕެކޭޖްތަކާއެކު ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިރާގު ކަސްޓަމަރުންނަށް އެ ޒިޔާރަތްކުރާ ގައުމަކުން ސިމް ހޯދުމުގެ ބަދަލުގައި މިހާރު ބޭނުންކުރާ ސިމް މެދުވެރިކޮށް ދިރާގުން ރޯމިންގް ޕެކޭޖެއް އެކްޓިވޭޓްކޮށްލައިގެން ފަސޭހަކަމާއެކު ޑޭޓާ ލިބިގެންދާނެ އެވެ.

ދިރާގުން އަބަދުވެސް ދަނީ ކަސްޓަމަރުންނަށް ތަފާތު ގިނަ ހިދުމަތްތައް ތައާރަފްކޮށް ހެޔޮ އަގުގައި ކަސްޓަމަރުންނާ ހަމައަށް ގެނެސްދެމުންނެވެ.