ގ. ރަނައުރާގެއާގެ، ހައްވާ ޔުމްނު ރަޝީދު (21އ) އިމާރާތަކުން ވެއްޓުނު ހާދިސާ ތަހުގީގު ނިންމައި ގިނަ ވެގެން ދެ ހަފްތާގެ ތެރޭގައި ކަމާ ގުޅޭ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ފޮނުވާނެ ކަމަށް އެ ހާދިސާ ތަހުގީގު ކުރަން ރައީސް އެކުލަވާލެއްވި ހާއްސަ ކޮމިޝަނުން ބުނެފި އެވެ.
ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގު ކުރަން ރައީސް މުއިއްޒު، ތިން މެންބަރުން ހިމެނޭ ހާއްސަ ކޮމިޝަނެއް އުފެއްދެވީ މިދިޔަ އޭޕްރީލް 27 ވަނަ ދުވަހު އެވެ. ނަމަވެސް އެ ކޮމިޝަންގެ މެންބަރަކު އިސްތިއުފާ ދެއްވުމުން އެ ކޮމިޝަނަށް އިތުރު މެންބަރުން އައްޔަންކުރައްވައި ޖުމްލަ ފަސް މެންބަރުންގެ މައްޗަށް އަލުން ކޮމިޝަން އެކުލަވާލީ މިދިޔަ އޭޕްރީލް 28 ވަނަ ދުވަހު އެވެ.
ކޮމިޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މައްސަލައާ ގުޅުންހުރި ތަންތަނަށް ކޮމިޝަންގެ މެންބަރުން ޒިޔާރަތްކުރައްވައި، ގުޅުންހުރި އިދާރާތަކުގެ މުވައްޒަފުންނާ ބައްދަލުކުރައްވާފައި ކަމަށެވެ. އަދި އެ މައްސަލައާ ގުޅުންހުރި މީހުންގެ މައުލޫމާތު ސާފުކުރަމުންދާ ކަމަށްވެސް ބުންޏެވެ.
"ކޮމިޝަންގެ މެންބަރުން އުއްމީދު ކުރަނީ ތަހުގީގުގެ ފައިނަލް ރިޕޯޓް ދެ ހަފްތާއެއް ތެރޭގައި ރައީސަށް ހުށަހެޅޭނެ ކަމަށް،" ކޮމިޝަނުން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނެފައިވާ ކަމަށެވެ.
ރިޔާސީ ކޮމިޝަންގެ ރިޔާސަތު ބަލަހައްޓަވާނީ މުނައްވަރު ކަމަށް ގަރާރުގައިވެއެވެ.
ފުލުހުން މީގެކުރިން މިމައްސަލައިގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވަނީ ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށް ތަހުގީގަށް ބެލެވޭ ކަމަށެވެ. ނަމަވެސް ޔުމްނު ވެއްޓުނީ ނޫން ކަމަށް އޭނާ ބުނާ ކަމަށް އާއިލާ އިން ބުނެ އެވެ.
ޔުމްނު ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބިފައިވާތީ އޭނާއަށް މިހާރު ގެންދަނީ މެލޭޝިއާގައި ފަރުވާ ދެމުންނެވެ.