ޓޫރިޒަމް

މޭ މަހު 135،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

ރާއްޖެއަށް މިދިޔަ މޭ މަހު 135،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މޭ މަހު ރާއްޖެއަށް 135،614 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

މިއީ މިދިޔަ އަހަރުގެ މޭ މަހު ރާއްޖެ ޒިޔާރަތްކުރި 119،873 ފަތުރުވެރިންނަށްވުރެ 13.1 ޕަސެންޓް އިތުރުވުމެކެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ ޖެނުއަރީ އިން މޭ މަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 966،358 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 892،243 ފަތުރުވެރިންނަށްވުރެ 8.3 ޕަސެންޓް އިތުރު މިންވަރެކެވެ.

ފަތުރުވެރިކަމުގެ ގަދަ 10 ގައުމު

  • ޗައިނާ - 115،802 ފަތުރުވެރިން
  • ރަޝިއާ - 105،059 ފަތުރުވެރިން
  • އިނގިރޭސިވިލާތް - 98،695 ފަތުރުވެރިން
  • އިޓަލީ - 81،545 ފަތުރުވެރިން
  • ޖަރުމަނު - 73،772 ފަތުރުވެރިން
  • އިންޑިއާ - 55،431 ފަތުރުވެރިން
  • ފްރާންސް - 34،155 ފަތުރުވެރިން
  • އެމެރިކާ - 30،414 ފަތުރުވެރިން
  • ސްވިޓްޒަލޭންޑް - 21،976 ފަތުރުވެރިން
  • އޮސްޓްރޭލިއާ - 17،639 ފަތުރުވެރިން

ރާއްޖެއަށް މި އަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 690،580 ފަތުރުވެރިން -- 71.5 ޕަސެންޓް ޗުއްޓީ ހޭދަކުރީ ރިސޯޓުތަކުގަ އެވެ.

ގެސްޓްހައުސްތަކުގައި 223،428 ފަތުރުވެރިން -- 23.1 ޕަސެންޓް ޗުއްޓީ ހޭދަކުރިއިރު ހޮޓާތަކުގައި 28،099 ފަތުރުވެރިން އަދި ޓޫރިސްޓް އުޅަނދުތަކުގައި 23،577 ފަތުރުވެރިން ޗުއްޓީ ހޭދަކުރި އެވެ. މީގެ އިތުރުން އެހެނިހެން ތަންތަނުގައި 674 ފަތުރުވެރިން ޗުއްޓީ ހޭދަކުރި އެވެ.

ރާއްޖޭގައި މި ވަގުތު ފަތުރުވެރިކަމަށް 176 ރިސޯޓާއި 845 ގެސްޓްހައުސްގެ އިތުރުން 158 ސަފާރީ އުޅަނދާއި 16 ހޮޓާ ދަނީ ހިންގަމުންނެވެ.