ފްރާންސް

ޕީއެސްޖީގެ ކާމިޔާބަށްފަހު ގިނަ ބަޔަކު ހައްޔަރުކޮށްފި

ޔޫއެފާ ޗެމްޕިއަންސް ލީގް ޕީއެސްޖީ އިން ކާމިޔާބުކުރުމާ ގުޅިގެން އުފާފާޅުކުރުމަށް ފްރާންސްގެ ވެރިރަށް ޕެރިހުގައި އޮތް އެއްވުމެއްގެ ތެރޭގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން 300އާ ގާތްކުރާ އަދަދަކަށް މީހުން ހައްޔަރުކޮށްފި އެވެ.

މިއީ ޕީއެސްޖީ އިން ޔޫރަޕިއަން ކްލަބް ފުޓްބޯޅައިގެ އެންމެ މަތީ މުބާރާތް ފުރަތަމަ ފަހަރަށް ކާމިޔާބުކުރުމާ ގުޅިގެން އުފާފާޅުކުރުމަށް ބޭއްވި ހަރަކާތްތަކުގެ ތެރޭގައި ހިނގި ހަމަނުޖެހުންތަކެއް ކަމަށް ފްރާންސްގެ މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

ޖަރުމަނުގެ މިއުނިކްގައި އޮތް ފައިނަލް މެޗުގައި ޕީއެސްޖީ އިން އިންޓަ މިލާން ބަލިކޮށް 5-0 އިން ކާމިޔާބު ހޯދި އެވެ. މި މެޗު ބަލަން ޕެރިސްގެ ޗެމްޕްސް-އެލިސީސް މަގާއި ޕީއެސްޖީގެ ޕާކް ޑެ ޕްރިންސެސް ސްޓޭޑިއަމްގައި ބެހެއްޓި ބޮޑެތި ސްކްރީންތަކުން 50،000 އާ ގާތްކުރާ އަދަދެއްގެ މީހުން މެޗު ބެލި އެވެ.

ގިނަ ބަޔަކު މި ކާމިޔާބީ ފާހަގަކުރީ އުފާވެރިކަމާއެކު މަގުމަތީގައި ލަވަކިޔައި، ޑާންސްކޮށް އަދި ވެހިކަލްތަކުން ބަރުގޮނު އަޅައިގެންނެވެ. ނަމަވެސް ބައެއް ފަރާތްތަކުން ފަޓާސް އަދި އަލިފާން ރޯކޮށް، ބަސްތައް ހުއްޓުވާ ތަންތަން ހަލާކުކޮށް އަދި ކާރުތަކުގައި އަލިފާން ރޯކުރި އެވެ. އަދި ބައެއް މީހުން ޕެރިހުގެ ބައެއް ފިހާރަތަކަށް ވަދެ ވައްކަންކުރަން މަސައްކަތްކުރި ކަމަށްވެސް ވަނީ ރިޕޯޓުކޮށްފަ އެވެ.

މި ހަމަނުޖެހުންތަކާ ގުޅިގެން ޕެރިހުގެ ފުލުހުން ވަނީ ކަރުނަ ގޭހާއި ވޯޓާ ކެނަން ބޭނުންކޮށް އެއްވުންތައް ރޫޅާލާފަ އެވެ. އަދި އެއްވުންތަކުގައި އުޅުނު ބައެއް މީހުން ހައްޔަރުކޮށްފައި ވެސް ވެއެވެ. ގިނަ ބަޔަކު ހައްޔަރުކުރީ ފަޓާސް ގެންގުުޅުމާއި، މުދަލަށް ގެއްލުން ދިނުމާއި އަދި ހަމަނުޖެހުން އުފެއްދުމުގެ ތުހުމަތުގައެވެ.

މިހާދިސާއާ ގުޅިގެން ޕެރިހުގައި 5،400 އަށް ވުރެ ގިނަ ފުލުހުން ވަނީ އަމަން ބެލެހެއްޓުމުގައި ހަރަކާތްތެރިވެފަ އެވެ. އެފީލް ޓަވަރުގައި ޕީއެސްޖީގެ ނޫ އަދި ރަތް ކުލަ ދައްކާލިއިރު ފްރާންސްގެ ރައީސް އެމެނުއެލް މެކްރޯން ވެސް ވަނީ މި ކާމިޔާބީއަށް މަރުހަބާ ވިދާޅުވެފަ އެވެ.

މިހަމަނުޖެހުންތަކުގައި ބައެއް ފަރާތްތަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ފުލުހުން މައުލޫމާތުދެ އެވެ. އަދި ހަތަރު މީހަކަށް ހޮސްޕިޓަލުގައި އަވަސް ފަރުވާ ދޭންޖެހުނު ކަމަށްވެސް ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.