ރަޝިއާ، ޔުކްރޭން އެއް މާޒުދޮށަށް ގެނެސް ސުލްހަކުރަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރެވިއްޖެ ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނެފި އެވެ.
ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާން ޓެމީ ބުރޫސް ވިދާޅުވި ގޮތުން، ރަޝިއާ، ޔުކްރޭން ސުލްހަކުރުމަށް މެދުވެރިއެއްގެ ދައުރު އަދާކުރުމަކީ އެމެރިކާއަށް ތާއަބަދު ކުރެވޭނެ ކަމެއް ނޫނެވެ.
މި ދެ ގައުމު ސުލްހަކުރުމަށް މަޝްވަރާތަކެއް ކުރެއްވިއްޖެ ކަމަށް ބްރޫސް ވިދާޅުވި އެވެ. ރޭވުންތަކެއް ރާވައި ހުށަހެޅުންތަކެއް ހުށަހެޅިއްޖެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. މި ހާލަތުގައި ދެން އޮތް އެންމެ ރަނގަޅު ގޮތަކީ އެ މީހުންނަށް އެ މީހުން ދޫކޮށްލުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އެމެރިކާ މިހާރު ގަބޫލުކުރަނީ ސުލްހަވުމަކީ އެ ދެ ގައުމަށް އޮތް ކަމެއް ކަމަށް ތަރުޖަމާން ވިދާޅުވި އެވެ. އެމެރިކާއިން ދިއްކޮށްފައި އޮތް އަތުގައި ހިފައިގެން ސުލްހަވުމަކީ، މޮސްކާއަށް އަދި ކީވްއަށް މުހިންމު ކަމަކަށް ނުވާ ނަމަ، މަޝްވަރާ މޭޒު ދޮށުން އެމެރިކާ ފޭވާނެ ކަމަަށްވެސް އޭނާ ވިދާޅުވި އެވެ.
ރަޝިއާ، ޔުކްރޭން ހަނގުރާމަ ހުއްޓާލައި ސުލްހަވުމަށް މީގެ ތިން އަހަރު ކުރިން ތުރުކީގެ އިސްތަންބޫލްގައި -- 16 މެއި ގައި ވަނީ މަޝްވަރާކޮށްފަ އެވެ. ނަމަވެސް، ހުޅަނގުގެ ނުފޫޒާ ހެދި ޔުކްރޭނުން ވަނީ މަޝްވަރާތައް ދޫކޮށްލާފަ އެވެ.
އެމެރިކާ އިސްވެ މި ދެ ގައުމު ސުލްހަކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގައި އާރުލާތަނެއް ނުފެނެ އެވެ. މަޝްވަރާތައް ދިގުދެމިގެން ދިއުމުގެ އިތުރުން ކޮންމެ ގައުމަކުންވެސް ހުށަހަޅަނީ، އެހެން ބަޔަކަށް އެއްބަސްވާން ތަދި ޝަރުތުތަކެކެވެ.
ތުރުކީގެ އިސްތަންބޫލްގައި އަލުން މަޝްވަރާތައް ފެށުމަށް ރަޝިއާގެ ޚާރިޖީ ވަޒީރު ސަރުގޭ ލަވްރޯފް ވަނީ ޔުކްރޭނަށް ދައުވަތުދީފަ އެވެ. ނަމަވެސް، މި ދައުތަކަށް އެކަށީގެންވާ ތަރުހީބެއް ޔުކްރޭންގެ ވެރިން އަދި ނުދެ އެވެ.
ޓެމީ ބުރޫސް ވިދާޅުވި ގޮތުން ރަޝިއާ، ޔުކްރޭން ސުލްހަކުރުމަކީ އަހަރުތަކަކަށް ދިގުދެމިގެންދާ ކަމަކަށް ވެގެން ނުވާނެ އެވެ. އަދި ދޭތެރެ ދޭތެރެއިން މަޝްވަރާތައް ފަށައި ކޮޅެއްގައި ނުޖެހިގެން ހުއްޓާލާ ކަމަކަށްވެސް ވެގެން ނުވާނެ އެވެ.
ރަޝިއާ، ޔުކްރޭން ސުލްހަކުރެވޭތޯ މަސައްކަތްކުރުމަކީ އެމެރިކާއަށް ލާޒިމުކަމެއް ނޫން ކަމަށްވެސް ތަރުޖަމާން ވިދާޅުވި އެވެ. އެމެރިކާއަށް ކޮށްދެވޭނެ ކަމަކީ މަޝްވަރާތަކުގައި ހެޔޮ ގޮތް ބުނެދިނުން ކަމަށްވެސް އެނާ ވިދާޅުވި އެވެ.