ޗައިނާއިން ޓެރިފް އެއްބަސްވުން ތަންފީޒުކުރަން އިންކާރުކޮށް އެމެރިކާއާއެކު ޓެރިފްއާ ގުޅޭގޮތުން އެއްބަސްވުމަކަށް ނުދާން ނިންމުމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަރަށް ބޮޑަށް ކޯފާވެއްޖެ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޓްރަމްޕް ވިދާޅުވި ގޮތުގައި ދެ ހަފްތާއެއްހާ ދުވަސް ކުރިން ޗައިނާ އޮތީ ނުރައްކާތެރި އިގްތިސާދީ ހާލަތެއްގައެވެ.
އޭނާ އެމެރިކާގެ ރައީސްކަމުގައި ހުންނަވައިގެން ޗައިނާއާ ދެކޮޅަށް ކަނޑައެޅި ބޮޑެތި ޓެރިފްތަކުގެ ސަބަބުން ޗައިނާއަށް އެމެރިކާގެ މާކެޓުގައި ވިޔަފާރިކުރުމަކީ ނުކުރެވޭނެ ކަމަކަށް ވެގެން ދިޔަ ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.
"އަހަރެމެން ޗައިނާއާ ދެކޮޅަށް ވަރަށް ހަރުކަށި ފިޔަވަޅުތަކެއް އެޅީމު. އެކަމުގެ ސަބަބުން އެތައް ފެކްޓަރީތަކެއް ބަންދުވެ، ޗައިނާގައި މަދަނީ ހަމަނުޖެހުންތަކެއް ފެށިގެން ދިޔަ،" ޓްރަމްޕް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި މި ހާލަތު ދެކެ ކަންބޮޑުވެ، ޗައިނާ ސަލާމަތްކުރުމަށްޓަކައި އަވަސް އެއްބަސްވުމެއް ފަހުން ހެދީ އެވެ. މި އެއްބަސްވުމުގެ ސަބަބުން ޗައިނާގެ ހާލަތު އަވަހަށް ރަނގަޅުވެ، އާންމު ހާލަތަށް އެނބުރި ދިޔަ ކަމަށްވެސް ވިދާޅުވި އެވެ.
"އެކަމަކު ހިތާމައަކީ، ޗައިނާއިން މުޅިން އެއްބަސްވުމާ ޚިލާފުވެފައިވުން. އެހެންވީމާ ހެޔޮލަފާ މީހަކަށް ވުމުގެ ބޭނުމެއް ނެތް،" ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕްގެ ވާހަކަތަކަށް ޗައިނާގެ ސަރުކާރުން އަދި ރަސްމީ އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. އަދި ޓްރަމްޕް ފިޔަވާ އެމެރިކާގެ ސަރުކާރުގެ އިސްވެރިޔަކުވެސް މިކަމާ ގުޅޭގޮތުން އެއްވެސް ބަހެއް ވިދާޅުވެފައެއް ނުވެ އެވެ.