ވާހަކަ

ކަރުނައިގެ އަގު

( 26 މެއި 2025 އާ ގުޅޭ )

ހަލުވި ފިޔަވަޅުގައި ޒަރަކް ނުކުންނަން އުޅުނެވެ. އެހިނދު ވާރޭއިން ސަލާމަތްވާން ދުވެފައި އައިސް ސިޓިންރޫމަށް ވަންތަން ފެނުނީ ޒަރަކްގެ ބޭބެ ޒިދާނެވެ. ލިބުނު ހައިރާންކަމާއެކު ޒަރަކްއަށް ދެ ލޯ ބޮޑުކޮށްލެވުނެވެ. ބޮލާއި ގައިން ފެންފޮޅާލަމުން ޒިދާންގެ ނަޒަރު ޒަރަކްއަށް ހުއްޓުނެވެ. އޭރު އޭނާގެ މޫނުގައިވަނީ ސީރިއަސްކަމެވެ.

"ދޮންބެ. ކިހިނެއްވީ މިކޮޅަށް ތިއައީ." ޒަރަކްއަށް ވަގުތުން ސުވާލު ކުރެވުނެވެ.

"ކަމެއްވީތަ؟. އަންނަކަން ބުނެލަން ގުޅާލިނަމަ." ޒިދާން ވާހަކަނުދެއްކުމުން ޒަރަކް ބުންޏެވެ.

ޒިދާން އައިގޮތަށް އައިސް ޒަރަކްގެ ކޯތާފަތުގައި ޖެހި އެވެ. އެހާ ބާރަކަށްނޫނެވެ. ހިތްހަމަނުޖެހިފައި ހުއްޓެއްކަމަކު ކޮއްކޮއަށް ތަދުވާވަރަށް ޖަހަން އޭނާއަށް ނުކެރުނީ އެވެ. އެހެންވިޔަސް އޭނާ ނުރުހުންވެފައި ހުރި ދަރަޖަ ކޮއްކޮއަށް ޢަމަލުން އަންގައިދޭން ޒިދާން ގަސްދުކުރީ އެވެ. ސަބަބަކާ ނުލާ އެވަރުކަމެއް ޒިދާން ނުކުރާނޭކަން ޒަރަކްއަށް އެނގޭނެކަން ޚުދު ޒިދާނަށް އެނގެ އެވެ.

"މިހާ ބޮޑުވެ އަމިއްލަ ފައިމައްޗަށް ތެދުވެވުނީމަ ހީކުރީ ތިމާ ބޭނުންހާ ކަމެއްކޮށް، ބޭނުންހާ ގޮތަކަށް އުޅެވިދާނޭ ކަމައްތަ." ޒިދާންގެ އަޑުގައިވީ ނުރުހުމުގެ ހަރުކަށިކަމެވެ.

"އަހަރެން ކީއްކުރީ؟." ޒަރަކްއަށް ބުނެވުނެވެ.

"މިތާ ކާކު ގޮވައިގެން ތިއުޅެނީ. އަހަރެން ނުބެލިޔަސް އަހަރެންނާ ހަމައަށް ޚަބަރު އަންނާނޭކަން ޒަރަކްއަށް ރަނގަޅަށް އެނގޭނެ." ޒިދާން ބުންޏެވެ. އެއާއެކު ޒިދާނަށް ޚަބަރު ލިބުނީ ކިހިނެއްކަން ޒަރަކްއަށް އެނގިއްޖެ އެވެ. ގެ ބަލަހައްޓަން ހަވާލުކޮށްފައި ހުންނަ ބަންގްލަދޭޝް މީހާއަކީ ޒިދާން ހަމަޖައްސާފައި ހުންނަ މީހެކެވެ. ދުވާލަކު އެއްފަހަރު އޭނާ ގެއަށް އާދެ އެވެ. ތަންތަން ފޮޅާ ސާފުކުރުމަށްފަހު އޭނާ އެނބުރިދަނީ އެވެ. ޒަރަކް އެގެއަށް އައިކަން އެނގޭނެ ހަމައެކަނި މީހަކީ އޭނާ އެވެ.

"އަހަރެން އެމީހަކުދެކެ ލޯބިވާ މީހާ." ފަސްޖެހުމެއްނެތި ބޭބެގެ ކުރިމަތީ ޒަރަކް ހާމަކުރި އެވެ. މިފަހަރު ސިހުން ލިބުނީ ޒިދާނަށެވެ.

"ދެން އަހަރެންވީ ޒަރަކްގެ ތި ޢަމަލަށް ތަޢުރީފުކުރަންތަ؟. ޒަރަކްއަށް އަންހެނަކު ނުވީތަ؟. ނޭނގޭތަ އެއީ މީހެއްގެ އަނތްބެއްކަމެއް. އެއީ ވާކިފްގެ އަންހެނުން. އޭނާ މޮޔައެއްހެން އެބައުޅޭ އޭނާގެ އަންހެނުން ނުފެނިގެން. އޭނާ އަހަރެންގެ ކައިރިޔަށް ވެސް އައީ... ޒަރަކްގެ ސަބަބުން އޭނާއާ ހަދާފައި އޮތް އެއްބަސްވުމަށް ބުރޫ އަރައިފި. އޭނާ ފުރަތަމަ ބުނީމަ އަހަރެން ހިތަކަށް ނާރާ ޒަރަކް މިކަހަލަ ކަމެއްކޮށްފާނޭ. ހީކުރީ ވާކިފަށް ކުށްހީއެއް ކުރެވިގެންނޭ އެ އުޅެނީ." ޒިދާން ހުރީ އިންތިހާއަށް ހިތްހަމަނުޖެހިފަ އެވެ.

"ދޮންބޭ. ބާރަށް ހަޅޭނުލަވާ... ރަހާއަށް ރަނގަޅަށް ނުނިދި އުޅެފައި މިގަޑީގައި އަދިކިރިޔާ އެ ނިދުނީ. އަހަރެމެންގެ އަޑަށް އޭނާއަށް ހޭލެވޭކަށް ނޭދެން." ޒަރަކް މަޑުމައިތިރިކަމާއެކު ބުންޏެވެ. ޒަރަކްގެ މި އިބާރާތުން ޒިދާނު ހައިރާން ކުރުވައިފި އެވެ. އޭނާގެ ކޮއްކޮގެ ޠަބީޢަތަށް ބޮޑު ބަދަލެއް އަތުވެއްޖެކަން ހަމަ ޔަޤީނެވެ. ހިތްހަމަނުޖެހުމާއެކު ޒިދާނަށް ދަތްކުނޑިވިކާލެވުނީ އެވެ.

"އަހަރެން ޒަރަކްގެ ތި ޢަމަލުތައް ނުފޮރުވާނަމަ ވާނެ ގޮތް އެނގޭތަ؟. އަންހެނަކު ހޯދިއިރު ވެސް މީހެއްގެ އަނތްބެއް ނޫނީ ހޯދާކަށް ނޭނގުނުތަ. ޒަރަކްއަށް އެނގޭތަ ވާކިފްއާ އޭނާ އިނދެގެން އުޅޭތާ ކިތައް އަހަރުވެއްޖެކަން. ހީވޭތަ އޭނާ ވާކިފް ދޫކޮށްލާފައި ޒަރަކްގެ ގާތުގައި ހުރެދާނޭ. ނުހުންނާނެ... އޭނާ ޒަރަކް ދެކެ ލޯތްބެއް ނުވާނެ. ވާކިފް ހުއްޓާ އެހެން މީހެއްދެކެ އޭނާ ލޯތްބެއް ނުވާނެ. މީ ހަމައެކަނި އެ ދެ މީހުންގެ ދިރިއުޅުމަށް އައިސްގެން އުޅޭ ފޭސްއެއް... ދުވަސްކޮޅެއް ކޮށްލާފައި އޭނާ އެނބުރި ވާކިފްގެ ގާތަށް ހިނގައިދާނެ. އެކަހަލަ އަންހެނުންގެ ފާޑު އެއީ."

ޒިދާން ދެއްކި ވާހަކަތަކަށް ޒަރަކްއަށް ކެތެއް ނުކުރެވުނެވެ. ސޯފާތައް ކައިރީ ހުރީ ކޮފީމޭޒުމަތީ އަތުގައި އޮތް ޖޯޑު ބެހެއްޓި ގޮތަށް އޭނާ ހިނގައިގަތީ ޒިދާނާ ދިމާއަށެވެ. ބޭބެގެ ގަމީހުގެ މޭމަތިން ޒަރަކް ހިފައި ފަހަތަށް ޒިދާން ކޮށްޕާލައިފި އެވެ. އެއާއެކު ޒިދާންގެ ނުރުހުން އިތުރުވީ އެވެ.

"ރަހާއަކީ ތި ހީކުރާ ކަހަލަ އަންހެންކުއްޖެއްނޫން." އަޑު ހަރުކޮށް ޒަރަކް ބުނެލި އެވެ.

"ތިކަން ހުއްޓާލާ. އެ ދެމަފިރިންގެ ދެމެދަށް ޒަރަކް ވަންނާކަށް ނުޖެހޭ. ވާކިފްއަކީ އާދައިގެ މީހެއްނޫން. އޭނާގެ ކަނެކްޝަންތައް އެބައޮތް. އަނެއްކޮޅުން އަހަރެންނާއެކު ހެދި އެއްބަސްވުންތައް ކެންސަލްވެއްޖެނަމަ ބޮޑުތަނުން ގެއްލުންވާނެ. ޒަރަކްއަށް ވިޔަފާރީގެ ކަންކަމެއް ނޭނގޭނެ. ވާކިފްއަށް އެނގޭ އެ ގެއަށް ވަދެ އޭނާގެ އަންހެނުން ގޮވައިގެން ދިޔައީ ޒަރަކްކަން... އަހަރެން އޭނާ ނުހިފެއްޓިނަމަ މިތަނަށް އަހަރެންގެ ބަދަލުގައި ޒަރަކްއާ ކުރިމަތިލާން އަންނާނީ އޭނާ. އަހަރެން ބޭނުމެއްނޫން ޒަރަކްއާއި ވާކިފްއާ ދެމެދު ކުރިމަތިލުމެއް ހިނގާކަށް. އަހަރެންނަށް ޔަޤީންވާ ކަމަކީ ވާކިފް އޭނާގެ އަންހެނުންގެ ކަމެއްގައި މަޑުން ނުހުންނާނޭކަން. އޭނާ ކޮންމެފަދަ ކަމެއް ވެސް ކުރާން ތައްޔާރަށް ހުރި ކަހަލަ. އަނެއްކޮޅުން ބައްޕައަށް މި ކަންތައްގަނޑު އެނގިއްޖެއްޔާ ވާނެ ގޮތް ޒަރަކްއަށް އެނގޭތަ؟. ހަމަ ޔަޤީން ބައްޕަ ވެސް ރުޅި އަންނާނެކަން ޒަރަކްދެކެ. ބޮޑު ކަންތައް ގަނޑަކަށް މިކަން ނުވަނީސް އޭނާއާ ދުރަށް ދޭ. ވިސްނުންތެރި ގޮތަކީ އެއީ." ޒިދާން ބުންޏެވެ. އަދި އޭނާ އައިސް ސޯފާއަށް ވެއްޓިގަތެވެ.

"ތީ... ރަހާތަ؟." ކުއްލިއަކަށް ސިޓިންރޫމާ ދިމާއަށް ނުކުމެވެން ހުރި ގޯޅިން އަންހެންކުއްޖަކު ހުއްޓި ހުރިތަން ފެނި ޒިދާން އަހާލި އެވެ. އޭނާއަށް ރަހާ ފެނުނީ ސޯފާގައި އިށީނީމަ އެވެ. ޒަރަކްއަށް ވެސް ލިބުނީ ސިހުމެކެވެ. އޭނާ އަވަސްއަވަހަށް ރަހާއާ ކުރިމަތިލި އެވެ.

"ރަހާ... ހޭލެވުނީތަ؟." ޒަރަކް އަހާލި އެވެ.

ޒިދާން ފަރުވާތެރި ބެލުމަކުން ރަހާއާއި ޒަރަކްއަށް ބަލަން އިނެވެ. ރަހާގެ މޫނުމަތިން ފެންނަނީ ވަރުބަލިކަމެވެ. ޒިދާން ހީކުރި ފަދަ ރީތިކަމާއި ތާޒާކަމެއް ރަހާގެ މޫނުމައްޗަކު ނުވެ އެވެ. ލައިގެން ހުރި ދޫ އަބާޔާގެ ތެރެއިން ވެސް ރަހާގެ ހަށިގަނޑު ނިކަމެތިކަން ބުނަން އެނގޭހާ ވެއެވެ. ލޭ މަދުވެގެން ހުދުވެފައި ހުރި ފަދަ ގޮތެއް އޭނާގެ ހަމުން ފާޅުވާން ހުއްޓެވެ. ގައިމު ވެސް ރަހާގެ ފުށުން ޒިދާނަށް ފެންނަނީ ބަލި މީހެއްގެ ސިފަ އެވެ. ރަހާއަކީ ޒަރަކް ފަރުވާދީ ބަލަހައްޓާ ކެންސަރުގެ ބަލި މީހެއްގެ ޒިދާނަށް ވެސް އޮތީ އެނގިފަ އެވެ. އޭނާއަށް އެންމެ ކަމުނުދާ ސަބަބަކީ ވެސް އެ އެވެ. ޒަރަކްއަށް އެ ގުޅުމުން މުސްތަޤްބަލެއް ނެތްކަން ޒިދާނަށް ޤަބޫލުކުރެވޭތީ އެވެ.

"ޖިންޖަރ އޮތް ތި ކޮޓަރީގައި ނިދާފައި. ރަހާއާއެއްކޮށް ހޭލައިގެން ނާދޭތަ؟. ވިއްސާރަ އަލިކޮށްލީމަ ހިނގާ ބްރެކްފަސްޓަށް ނުކުމެލަން." ޒަރަކް އައިސް ރަހާގެ ކުރިމަތީ ހުއްޓި ހުރެ ވާހަކަދެއްކި އެވެ.

"ޒަރަކް. ހިނގާ އަހަރެންނާއެކު ދާން." ސޯފާގައި އިނދެފައި ޒިދާން ގޮވާލި އެވެ.

"ޑޯންޓް ލީވް މީ... ޕްލީޒް." ޒަރަކް ހިފާލީ ރަހާގެ ކަނާއަތްތިލައިގަ އެވެ. އޭނާ އެނބުރި ބޭބެއަށް ބަލާލުމުގެ ބަދަލުގައި ރަހާއާ ނަޒަރު ސީދާކޮށްލައިގެން ހުރެ އާދޭސްކޮށްލި އެވެ.

"އިޓްސް އޯކޭ. ޒަރަކް އެނބުރި ދިއުން އެއީ އެންމެ ރަނގަޅު ގޮތް." ރަހާ މަޑުމަޑުން ބުންޏެވެ. އެހެންނަމަވެސް ޒަރަކްގެ މޫނުމަތިންނާއި އޭނާގެ ކޮންމެ ހަރަކާތަކުން ބުނެދެމުން ދިޔައީ އޭނާ ރަހާއާ ދުރަށް ދާން ނޭދޭ ވަރެވެ.

"ޒަރަކް. ކެނެޑާއަށް ނޫނީ ސިންގަޕޫރަށް ބަދަލުވާން ތައްޔާރުވޭ. އޭނާ ދާން ހުރިއްޔާ އޭނާ ގޮވައިގެން ދިޔަޔަސް އެންމެ ރަނގަޅު. އެކޮޅުން އޭނާއަށް ބޭނުންވާ ފަރުވާ ލިބޭނޭ ގޮތް އަހަރެން ހަމަޖައްސާނަން. އައި ކޭން ހެލްޕް ޔޫ ޓޭކް ކެއަރ އޮފް ހަރ. ކެނެޑާއަކީ ޒަރަކްއަށް ފެމީލިއާ މާޙައުލެއް. އެތަނުގައި ދަންނަ އެކްސްޕާޓްސް އިން ގިނަވާނެ." ސޯފާ އިން ތެދުވެ ކުޑަދޮރު ތަކާ ދިމާއަށް އައިސް ހުއްޓިލި ގޮތަށް ޒިދާން ބުންޏެވެ. އޭނާ ފުންނޭވާއެއް ދޫކޮށްލި ގޮތުން ހީވީ ޒަރަކްގެ ކުރިމަތީ އޭނާ ގޮތް ދޫކުރީ ހެންނެވެ. ކޮއްކޮގެ އިޙްސާސްތައް އޭނާއަށް ފާޅުކޮށް ފެންނަމުން ދާތީ އެވެ.

"އަހަރެން ވަޢުދުވިން އަހަރެން އެއްވެސް ތަނަކަށް ނުދާނަންކަން. ހޮސްޕިޓަލުގައި އުމުރުގެ ބާކީބައި ހޭދަކުރާކަށް ރަހާ ބޭނުމެއްނޫން. އަހަރެން އޭނާއަށް މަޖުބޫރެއް ނުކުރާނަން. ގަނޑުފެން ފަދަ ފިނި މާޙައުލެއްގައި އުޅޭނޭ ވަރެއް އެ ހަށިގަނޑުގައި ނެތް. މި ފަސްގަނޑު ދޫކޮށް އޭނާ ނުދާނެ. ރަހާ އެދޭ ކޮންމެ ގޮތަކަށް އަހަރެން މިހުރީ އެއްބަސްވެގެން." އެއްފަހަރު ޒިދާނަށް އަނެއްފަހަރު ރަހާއަށް ބަލަމުން ޒަރަކް ބުންޏެވެ.

މާޔޫސީ ނަޒަރަކުން ޒިދާން އެނބުރި ޒަރަކްއަށް ބަލާލި އެވެ. ހަށިފުރާ ނޭވާއެއް ދޫކޮށްލުމާއެކު ޒިދާންގެ ދެ އަތްތިލަ ފަޓުލޫނުގެ އަރިމަތީ ޖީބަށް ކޮށްޕާލި އެވެ. ޒަރަކް އަންހެނަކާ ހެދި އެ ދަރަޖައަށް ދީވާނާވެފައި ވަނިކޮށް ޒިދާން ނުދެކެ އެވެ. އެ އަންހެންކުއްޖާއަށް ޓަކައި އޭނާއާ ޒަރަކް ހަނގުރާމައަކަށް ދާން ޒިދާން ނޭދެ އެވެ. އޭނާއަށް އިތުރު ގޮތަކާމެދު ވިސްނަން މަޖުބޫރުވީ އެހެންވެ އެވެ.

* * * * *

ރަހާ ދުވަމުން ގޮސް ލޯމައްޗަށް ގެއްލުނީ މަދު ސިކުންތުކޮޅެއްގެ ތެރޭ އެވެ. ދުންފިނި ބޯކަމުން ވަށައިގެން އެއްވެސް ތަނެއް ނުފެނެ އެވެ. ރަހާގެ ނަމުން ވާކިފް ދެތިން ފަހަރަށް ގޮވާލައިފި އެވެ. ނަމަވެސް އޭނާއަށް ރަހާއެއް ނުފެނުނެވެ. މީހާ ހާސްވާންފެށި އެވެ. ކޮޅުކޮޅަށް ދުވަންފެށި އެވެ.

"ރަހާ..."

އޮފީހުގެ މޭޒުމަތީ ބޯ އަޅައިގެން އޮތް ވާކިފްއަށް ހޭލެވުނީ ރަހާއަށް ނިކަން ބާރަށް ގޮވާލެވުނު ވަގުތެވެ. އޭސީ ކުރެވިފައި ހުރި ފިނި ކޮޓަރި ތެރޭ އޭނާ އިންއިރު ވެސް ނިތްކުރިމަތިން ދާތިކިތައް ފާޅުވޭވޭ ހުއްޓެވެ. މޫނުމަތިން ފާޅުވަނީ ހާސްކަމެވެ. މޭޒުގައި ބޯ އަޅާލައިގެން އޮއްވާ އޭނާއަށް ނިދިޖެހި ފެނުނީ ހުވަފެނެއްކަން އެނގުނެވެ. އެހެންވިޔަސް ހަޤީޤަތާ އެ ހުވަފެން ތަފާތެއްނެތްކަން ވާކިފްގެ ޟަމީރު އެއްބަސްވި އެވެ.

"ރަހާ... ޕްލީޒް... އެނބުރި އާދޭ. އަހަރެން ކައިރިޔަށް އެނބުރި އަންނަނިކޮށް ރަހާ އެދޭ ކޮންމެ ގޮތެއް އަހަރެން ޤަބޫލުކުރާނަން. ޕްލީޒް އާދޭ. އަހަރެން އަދިވެސް ރަހާ ބޭނުން." މޫނުގައި ދެ އަތް އަޅައިލައިގެން އިނދެ މަޑުމަޑުން ވާކިފް ބުންޏެވެ.

ވަރުބަލި ކަމާއެކު މޭޒާ ދުރަށް ގޮނޑި ކޮށްޕާލާފައި ވާކިފް ކޮޅަށް ތެދުވި އެވެ. ދަންވަރު އެކެއް ޖަހައި ހިނގައްޖެ އެވެ. އޭނާ އެހާއިރު އިނީ ގެއަށް ދާން ބޭނުންނުވެފަ އެވެ. ނަމަވެސް ހަށިގަނޑުގެ ވަރުބަލިކަމާ ދެކޮޅަށް މީހާއަށް ކެތްކުރާން އުނދަގޫވީ އެވެ. މަޑު ހިނގުމުގައި އޮފީހުގެ ކެބިންއިން ނުކުމެ ލިފްޓަށް އައިސް ވާކިފް އެރި އެވެ.

ކާރު ޕާކުކޮށްލާފައި ވާކިފް ފައިބައިގެން އައިސް ގޭގެ ދޮރޯށި ހުޅުވާލި އެވެ. ގޭތެރެއަށް ވަދެ ސިޑިން އަރަންފެށީ އެޕާޓްމެންޓް ހުރި ފަންގިފިލާއަށް އެރުމަށެވެ. އޭނާއަށް އެޕާޓްމެންޓް ފެންނަންވީއިރު ދޮރުކައިރީ އުޑުފައިން އިން އަންހެން ކުއްޖަކު ފެނިއްޖެ އެވެ. ޝޯލްއަކުން ބޯ ނިވާކޮށްލައިގެން ދެ ކަކުލުގައި އަޅުވާލެވިފައިވާ އަތުގެ ތެރޭ މޫނު ފޮރުވާލައިގެން އިންއިރު ވާކިފަށް ސިފަވީ ރަހާ އެވެ. އޭނާ ހަރުފަތްތައް މަތިން ދުވެފައި ކަހަލަ ގޮތަކަށް އައެވެ.

"ރަހާ..." ވާކިފް އެ އަންހެންކުއްޖާއަށް ގޮވާލީ އުންމީދާއެކީ އެވެ. ނަމަވެސް އޭނާގެ ހުރިހާ އުންމީދެއް ފެނަށްވީ އެ އަންހެންކުއްޖާ އިސްއުފުލައި ބަލާލުމުންނެވެ.

"މިތާ ކީއްކުރަނީ؟." ވަގުތުން ވާކިފްއަށް އެހުނެވެ. އެ އަންހެންކުއްޖާ ކޮޅަށް ތެދުވެ ވާކިފްއާ ކުރިމަތިލި އެވެ. ރޮއެރޮއެ ރަތްވެފައި ދެ ލޮލުން ވާކިފްއަށް ބަލަން ހުރީ އާދޭހުގެ ނަޒަރަކުންނެވެ.

"އަހަރެންގެ ކުރިމައްޗަށް ނާންނައްޗޭ ބުނީމެންނު. ގަޑިންވީއިރު އެނގޭތަ؟. ކަލެއަށް އެނގޭތަ ކިތައް ފަހަރުކަން ކަލޭ ބަރުބާދުކޮށްލުމުގެ ވިސްނުން އަހަރެންގެ ސިކުނޑިއަށް އެރީ. ކަލެއަށް ލިބިފަ ތިހުރި ސިފަދެކެ މިހާރު އަހަރެން އެންމެ ފޫހިވަނީ. ތި ސޫރަ ދެކެ... ހިތަށް އަރާ މޫނުމަތީގެ ސިފަ ގެއްލުވާލަން ވެސް... ސޯ ދެޓް ޔޫ ވިލް ހޭވް ޓު ލިވް ޔޯ މިޒަރަބަލް ލައިފް ވިތް ދެޓް އަގްލީ ފޭސް... އަންޓިލް ދަ ޑޭ ޔޫ ޑައި. އެހެންވިޔަސް އެކަހަލަ ކަމެއް ނުކުރަން މިހުންނަނީ އަހަރެންނަށް އަހަރެންގެ ކުށް އެނގޭތީ. އައިމް ނޯ ބެޓާ ދެން ޔޫ. އަހަރެންނަށް ހެދުނު ވަރަށް ބޮޑު ގޯހެއް ތީ. މިސްޓޭކެއްނޫން... އެހެންބުނެވޭކަށްނެތް. އަހަރެން ޗޮއިސް މޭކްކުރީ. އެހެންވެ..." ވާކިފްގެ އަޑުގައިވީ ފޫހިކަމާއި ރުޅިވެރިކަމެވެ.

"ވާކިފް ޕްލީޒް. އަޅެ ޕްލީޒް އަހަރެން ދޫކޮށްނުލާބަލަ. ފިރިހެނަކަށް ތިން އަނބިން ވެސް ހުއްދައެއްނު. ރަހާ ހުއްޓަސް ވާކިފްއަށް އަހަރެންނާ ގުޅުން ބޭއްވިދާނެ. ކޮންމެހެން އަނބިމީހާ ރުހޭކަށް ވެސް ނުޖެހޭ. ވާކިފްގެ އަތުގައި އެ ބާރު އޮންނާނީ. ޕްލީޒް... ޕްލީޒް... އަހަރެން ވާކިފް ބޭނުން. ލެޓްސް ގޯ ބެކް ޓު ދަ ސޭމް އޭސް ވީ ވަރ ބިފޯ." ސަހާނާ ރޮވިފައިވާ އަޑަކުން މިހެންބުނެ ވާކިފްގެ އަތުގައި ހިފާލަން އުޅުނެވެ. ނަމަވެސް ވާކިފް މާކުރިން އަތްފޮޅުވާލައިފި އެވެ. އަދި ސަހާނާގެ ކޮނޑުގައި ހިފައި ދުރަށް ކޮށްޕާ ވެސް ލައިފި އެވެ.

"ގެޓް ދަ ފަ* އައުޓް އޮފް ހިއަރ އެންޑް ޑޯންޓް އެވަރ ސޭ ސަޗް ޑިސްގަސްޓިން ވޯޑްސް ޓު މީ. ނޭނގިގެން އުޅެނީ ކަލެއަށް. އަހަރެން ދެ އަނތްބަށް އިނުމުގެ ވިސްނުމެއްނެތް. އަހަރެންގެ އަންހެނުންނަކީ ރަހާ... ހަމައެކަނި ރަހާ. އެނގިއްޖެތަ. ގަޔަށް އަރާލަން ބޭނުންވުމަކީ އެހެންކަމެއް... ކަލެއާމެދު ޝައުގުވެރިވީ ވެސް އަހަރެންގެ އަނބިމީހާއާ އެއްގޮތްކަމުން. އެނގިއްޖެތަ؟... އަނތްބަކަށް ވެވޭނެކަމަށް ހީކުރާކަށް ކަލޭގެ ހައިސިއްޔަތެއްނެތް." ވާކިފް ވާހަކަދެއްކީ އެހެންޏާ ސަހާނާއާ ވާހަކަނުދައްކާހާ ހުތުރުކޮށެވެ. މަލާމާތް ކުރާ ރާގުގަ އެވެ.

"އެކަމަކު އަހަރެންގެ ހުރިހާ ވަގުތެއް ވާކިފްއާއެކު ހޭދަކުރީ ލޯބިން. ވާކިފްދެކެ ވަރަށް ލޯބިވޭ." ސަހާނާއަށް ގިސްލާ ރޮވިއްޖެ އެވެ.

"އަހަރެންނަށް މަޢާފުކޮށްދީބަލަ. އަހަރެން ރަހާއާ ބައްދަލުކުރަން އައީމަކަން އެނގޭ މިހެންމިވީ. ޕްލީޒް ވާކިފް. އަހަރެންދެކެ ފޫހިނުވެބަލަ. އަހަރެންގެ އެކައުންޓުގައި ވާކިފް ދީފައި ހުރި އެއްވެސް ފައިސާއެއްގައި ނުޖެހެން. އަހަރެން މީ ފައިސާ ބޭނުންވެގެން އުޅޭ މީހެއްނޫން." ގިސްލަމުން ހުއްޓިހުއްޓިފައި ސަހާނާ ވާހަކަދައްކަމުން ދިޔަ އެވެ.

(ނުނިމޭ)