އެސްޓީއޯ

އެސްޓީއޯ އިން އޮންކޮލޮޖީ ނާސަސް އެކްސެލެންސް ޕްރޮގްރާމް ލޯންޗުކޮށްފި

އެސްޓްރަޒެނެކާ އަދި އެސްޓީއޯ އިން ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް އާ ގުޅިގެން "އޮންކޮލޮޖީ ނާސަސް އެކްސެލެންސް" ގެ ނަމުގައި ޕްރޮގްރާމެއް ލޯންޗުކޮށްފަ އެވެ.

މިއީ ރާއްޖޭގައި ކެންސަރު ބަލީގެ ފަރުވާ އިތުރަށް ހަރުދަނާކުރުމަށްޓަކައި އޮންކޮލޮޖީ ނަރުހުންނަށް އަމާޒުކޮށް ހިންގާ ޕްރޮގްރާމެއް ކަމަށް އެސްޓީއޯ އިން ބުނެފައިވެ އެވެ.

އެސްޓީއޯ އިން ބުނި ގޮތުގައި މި ޕްރޮގްރާމްގެ ދަށުން ކެންސަރު ބައްޔަށް ފަރުވާދިނުމުގައި މަސައްކަތްކުރާ ތަޖުރިބާކާރުން އެއްވެ، ރާއްޖޭގެ އޮންކޮލޮޖީ ނަރުހުންނަށް ވޯކްޝޮޕްތައް ބާއްވައި ތަމްރީން ދީފައިވާނެ އެވެ.

މި ޕްރޮގްރާމްގެ މަގުސަދަކީ ކެންސަރު ބައްޔަށް ފަރުވާ ދިނުމުގައި އޮންކޮލޮޖީ ނަރުހުން އަދާކުރާ މުހިއްމު ރޯލު ފާހަގަކޮށް އެކި އިދާރާތަކުގެ އެއްބާރުލުމާއެކު އޮންކޮލޮޖީ ދާއިރާއަށް އަންނަމުންދާ ޒަމާނީ ކުރިއެރުންތަކާ އެއްވަރަށް ރާއްޖެ ތައްޔާރުކުރުން ކަމަށް އެސްޓީއޯ އިން ބުނެފައިވެ އެވެ.

މި ޕްރޮގްރާމް ވަނީ ރާއްޖޭގައި ކެންސަރު ބައްޔަށް ފަރުވާދޭ ހުރިހާ މައިގަނޑު ހޮސްޕިޓަލުތަކެއްގެ ނަރުހުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންގޮސްފަ އެވެ.

އެސްޓީއޯ އިން ބުނި ގޮތުގައި މި ޕްރޮގްރާމް އެކުލެވިގެންވަނީ މައިގަނޑު ހަތަރު ސެޝަނެއްގެ މައްޗަށެވެ.

މިހާތަނަށް ނިމިފައިވާ ދެ ސެޝަނުގެ ތެރެއިން އެންމެ ފުރަތަމަ ބޭއްވުނު ސެޝަންގައި 55 ނަރުހުން ބައިވެރިވެފައިވާއިރު، ދެވަނައަށް ބޭއްވުނު ސެޝަންގައި މީގެ ކުރީ ސެޝަނަށްވުރެ އިތުރު ހަތަރު ނަރުހުންނާއެކު ޖުމްލަ 59 ނަރުހުން ބައިވެރިވި ކަމަށް އެސްޓީއޯ އިން ބުނެފައިވެ އެވެ.

ޕްރޮގްރާމާއި ގުޅޭގޮތުން ކެންސާ ސޮސައިޓީގެ ރިޕްރެޒެންޓޭޓިވްއެއް ވިދާޅުވީ އޮންކޮލޮޖީ ނަރުހުންނަކީ ބަލިމީހާއާއި އެމީހާއަށް ދޭ ފަރުވާއާ ދެމެދު އޮތް ގުޅުން ކަމަށާއި ބޭސްފަރުވާގެ އިތުރުން ކެންސަރު ބައްޔާބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްދީ ބަލިމީހުންނަށް ނަފްސާނީ ގޮތުންވެސް އެހީތެރިކަން ފޯރުކޮށްދެނީ އޮންކޮލޮޖީ ނަރުހުން ކަމަށެވެ.

"މި ޕްރޮގްރާމަކީ މި ފަރާތްތަކުގެ މުހިއްމުކަން ވަޒަންކުރައްވައި، އޮންކޮލޮޖީ ނަރުހުން ތަރައްގީކުރުމަށްޓަކައި ކުރިއަށް ގެންދެވޭ ޕްރޮގްރާމެއް،" ކެންސާ ސޮސައިޓީގެ ރިޕްރެޒެންޓޭޓިވް ވިދާޅުވި އެވެ.

އެސްޓީއޯއިން ބުނި ގޮތުގައި އެ ކުންފުނީގެ އަމާޒަކީ ކެންސަރު ބައްޔާ ގުޅޭގޮތުން މުޖުތަމައުގެ ހޭލުންތެރިކަން އިތުރުކޮށް، މި ބަލީގެ ފަރުވާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ކުރުމެވެ.