މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސްގެ މަގާމަށް ދެވަނަ ދައުރަކަށް، ސްވިމިން އެސޯސިއޭޝަންގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) މިއަދު އިންތިހާބުކޮށްފި އެވެ.
ދެވަނަ ދައުރަކަށް ޗަމްޕީ އިންތިހާބުވީ އެ މަގާމަށް އިތުރު އެހެން މީހަކާ ވާދަކޮށްފައި ނުވާތީ އިންތިހާބަކާ ނުލަ އެވެ.
އޮލިމްޕިކް ކޮމިޓީގެ ކުރިއަށް އޮތް ދައުރުގެ ހިންގާ ކޮމިޓީގެ މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު ހަމަވިއިރު އެ މަގާމަށް ކުރިމަތިލެއްވީ ޗަމްޕީ އެކަންޏެވެ. އެހެންކަމުން ޗަމްޕީއަށް މަގާމުގައި ދެވަނަ ދައުރެއް ޔަގީންވީ އެވެ.
އޮލިމްޕިކް ކޮމިޓީގެ ކުރިއަށް އޮތް ދައުރަށް 2025-2029 އަށް ޗަމްޕީގެ އިތުރުން އޭނާގެ ދެ ނައިބުން ކަމަށްވާ މުންތަގިމް އާއި އަހްމަދު ވެސް ވަނީ އިތުރު މީހަކު ކުރިމަތިލާފައި ނުވާތީ އިންތިހާބަކާ ނުލައި ދެވަނަ ދައުރަކަށް ހޮވިފަ އެވެ.
ނައިބު ކަމަށް އަހްމަދުގެ ނަން ނޮމިނޭޓް ކުރީ ހޭންޑްބޯލް އެސޯސިއޭޝަނުންނެވެ. އެތުލެޓިކްސް އެސޯސިއޭޝަންގެ މުންތަގިމްގެ ނަން ނޮމިނޭޓް ކުރީ ޗެސް އެސޯސިއޭޝަނުންނެވެ.
އެންމެ ފަހުން އޮލިމްޕިކް ކޮމިޓީގެ ހިންގާ ކޮމިޓީ އިންތިހާބު ބާއްވާފައިވަނީ 2021 ވަނަ އަހަރު އެވެ. ސްވިމިން އެސޯސިއޭޝަންގެ ރައީސްކަން ހަތަރު ވަނަ ދައުރަކަށް ފުރުއްވަމުން އަންނަ ޗަމްޕީ އެންމެ ފަހުން ބޭއްވި އޮލިމްޕިކް ކޮމިޓީގެ އިންތިހާބު ކާމިޔާބުކުރީ ބާސްކެޓް ބޯލް އެސޯސިއޭޝަންގެ ކުރީގެ ރައީސް މޫސާ ނާޝިދުއާ ވާދަކޮށެވެ.
މިއަދު ބޭއްވި އޮލިމްޕިކް ކޮމިޓީގެ އިންތިހާބުގައި 14 މެމްބަރު އެސޯސިއޭޝަނުން ބައިވެރިވިއިރު އެތުލީޓުން ތަމްސީލްކުރާ ކޮމިޝަނުގެ މެމްބަރުން ވެސް ބައިވެރިވި އެވެ.