ސްޓެލްކޯ

މޭ މަހުގެ ބިލް ހެދީ އަގުހެޔޮ ޓެރިފް ރޭޓްގައި

ނިމިގެން ދިޔަ މެއި މަހުގެ ކަރަންޓު ބިލްތައްވެސް ތައްޔާރުކޮށްފައިވަނީ އަގުހެޔޮކޮށްފައިވާ ޓެރިފް ރޭޓްތަކުގައި ކަމަށް ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

ސްޓެލްކޯ އިން މިހެން ބުނެފައި މިވަނީ ކުރިއަށް އޮތް ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޑޮމެސްޓިކް ކެޓަގަރީ ކަރަންޓް ޓެރިފް ކުޑަކުރަން ސަރުކާރުން ނިންމާ، އެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާންކޮށްފައި ވަނިކޮށެވެ.

ސްޓެލްކޯ އިން ބުނީ ރައީސް މުއިއްޒުގެ ނިންމެވުމާ އެއްގޮތަށް މެއި މަހުގެ ކަރަންޓް ބިލްތައްވެސް ތައްޔާރުކޮށްފައިވަނީ އަގުހެޔޮކޮށްފައިވާ ޓެރިފް ރޭޓްގައި ކަމަށެވެ. މި ބަދަލާއެކު ކަރަންޓް ބިލް ދެއްކުމަށް ރައްޔިތުން ކުރާ ހޭދަ ކުޑަވެގެންދާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

"މީގެ އިތުރުން ރައީސް މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް ދެން ފޮނުވާ ހުރިހާ ކަރަންޓް ބިލްތަކެއްވެސް ތައްޔާރުކުރެވިގެންދާނީ އައު ޓެރިފް ރޭޓްތަކަށް ކަމުގެ ޔަގީންކަން އަރުވަން،" ސްޓެލްކޯ އިން ބުންޏެވެ.

ރައީސް ވަނީ ޑޮމެސްޓިކް ކެޓަގަރީގެ ކަރަންޓް ޓެރިފް ރޭޓުގެ ގޮތުގައި މިހާރު ނަގާ އަދަދާއި އަގު ހެޔޮކުރުމުން ނަގާނެ އަދަދުވެސް ހާމަކުރައްވާފަ އެވެ. އެއީ:

  • ބޭންޑް 0-100: މިހާރު ނަގާ ރޭޓް: 1.50- އާ ރޭޓް: 1.25
  • ބޭންޑް 101-200: މިހާރު ނަގާ ރޭޓް: 1.70- އާ ރޭޓް 1.50
  • ބޭންޑް 201-300: މިހާރު ނަގާ ރޭޓް 2.15- އާ ރޭޓް 1.50
  • ބޭންޑް 301-400: މިހާރު ނަގާ ރޭޓް 2.50- އާ ރޭޓް 1.50
  • ބޭންޑް 401-500 މިހާރު ނަގާ ރޭޓު 2.95- އާ ރޭޓް 2.66
  • ބޭންޑް 501-600 މިހާރު ނަގާ ރޭޓް 3.55- އާ ރޭޓް 3.20
  • ބޭންޑް +600 މިހާރު ނަގާ ރޭޓް 4.25- އާ ރޭޓް: 3.83

ރާއްޖޭގައި ކަރަންޓަށް ބިލް ކުރަނީ ބޭނުންކުރާ ނިސްބަތުން ޓެރިފް ރޭޓުތަކަށް ބަލައިގެން، ބޭންޑުތަކަށް އަގުކޮށްގެންނެވެ.

ރާއްޖޭގައި ކަރަންޓް ބިލްތައް ބޮޑުވުމަކީ އާންމުން އަބަދުވެސް ޝަކުވާ ކުރާ މައްސަލަ އެކެވެ.