އެންޓޯނީ ގްރީޒްމަން

އެޓްލެޓިކޯ މެޑްރިޑް އިން ގްރިޒްމަންގެ އެއްބަސްވުން އާކޮށްފި

ފްރާންސްގެ މަޝްހޫރު ފޯވަޑް އެންޓޮއިން ގްރިޒްމަން، ކްލަބު އެޓްލެޓިކޯ މެޑްރިޑާއެކު އެއް އަހަރަށް އެއްބަސްވުން އާކޮށްފި އެވެ.

އާ އެއްބަސްވުމާއެކު 34 އަހަރުގެ މި ކުޅުންތެރިޔާ 2026 ވަނަ އަހަރާ ހަމައަށް ކުޅޭނީ އެޓްލެޓިކޯގަ އެވެ. ގްރިޒްމަން އަކީ އެތްލެޓިކޯގެ ތާރީހުގައި އެ ކުލަބަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ އެވެ.

އޭނާ ދެ ފަހަރެއްގެ މަތީން އެތްލެޓިކޯއަށް ކުޅެ 309 މެޗުގައި 197 ގޯލު ޖަހައިދީފައިވާ އެވެ. މި ހިސާބުން އޭނާ އަކީ ކުލަބުގެ އޯލްޓައިމް ލީޑިން ގޯލް ސްކޯރަ އެވެ.

ގްރިޒްމަން އެންމެ ފުރަތަމަ އެތްލެޓިކޯއާ ގުޅުނީ 2014 ވަނަ އަހަރު ރެއަލް ސޮސީޑާދް އިން އެވެ. އެކަމަކު 2017 ވަނަ އަހަރު އޭނާ ބާސެލޯނާއަށް ބަދަލުވި އެވެ. ނަމަވެސް ދެ ސީޒަން ބާސާގައި ހޭދަކުރުމަށްފަހު 2021 ވަނަ އަހަރު އޭނާ އަނެއްކާވެސް އެޓްލެޓިކޯއަށް ބަދަލުވި އެވެ.

އެޓްލެޓިކޯގައި މަޑުކުރަން ގްރިޒްމަން ނިންމާފައިވަނީ އެމެރިކާގެ އެމްއެލްއެސް ލީގުގެ ގިނަ ކްލަބްތަކުން އޭނާ ހޯދަން ޝައުގުވެރިކަން ފާޅުކޮށްފައި ވަނިކޮށެވެ. މީގެ ކުރިން ގްރިޒްމަން ވަނީ ފުޓުބޯޅަ ކެރިއަރު ނިންމާލުމުގެ ކުރިން އެލީގުގައި ކުޅެން ބޭނުންވާ ކަމަށް ބުނެފަ އެވެ.

ގްރިޒްމަން ވަނީ އެޓްލެޓިކޯ މެޑްރިޑަށް ސްޕެނިޝް ސުޕަ ކަޕާއި ޔޫރޮޕާ ލީގާއި ޔޫއޭފާ ސުޕަ ކަޕް ކާމިޔާބުކުރުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. އެހެންނަމަވެސް އޭނާއަށް ލަލީގާގެ ތަށި އެޓީމާއެކު ހޯދިފައެއް ނުވެ އެވެ.