އެމްޓީސީސީ

އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ މިމަހު 17ގައި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 17 ވަނަ ދުވަހުގެ ރޭ ބާއްވަން ނިންމައިފި އެވެ.

އެމްޓީސީސީ އިން ބުނި ގޮތުގައި އެކުންފުނީގެ އަހަރީ އާންމު ޖަލްސާ އޮންނާނީ މިމަހުގެ 17 ވަނަ ދުވަހުގެ ރޭ 8:30ގައި ބާސެލޯ ނަސަންދުރާގެ "އަރި" ބޯލްރޫމްގަ އެވެ.

މި ޖަލްސާގައި ހިއްސާދާރުންނަށް މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ އޮންލައިން ވެބް އެޕްލިކޭޝަން "ފަހިވޯޓް" މެދުވެރިކޮށް ނުވަތަ ޖަލްސާއަށް ވަޑައިގެން ބައިވެރިވެވޭނެ ކަމަށް އެމްޓީސީސީ އިން ބުނެފައިވެ އެވެ.

އެމްޓީސީސީ އިން ބުނީ މި ޖަލްސާގައި ބައިވެރިވެވޭނީ މި އަހަރުގެ އެޕްރީލް 27 ވަނަ ދުވަހުގެ ނިޔަލަށް ކުންފުނީގެ ހިއްސާދާރުންގެ ދަފުތަރުގައި ރަޖިސްޓްރީކޮށްފައިވާ ހިއްސާދާރުންނަށް ކަމަށެވެ.

މި ޖަލްސާގައި 2023 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކޮށް 2024 ވަނަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓް ހުށަހަޅައި ފާސްކުރުން އޮންނާނެ އެވެ.

މީގެ އިތުރުން 2024 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ ކުންފުނީގެ ބެލެންސް ޝީޓާއި، ފައިދާ އާއި ގެއްލުމުގެ ހިސާބު ހުށަހަޅައި ފާސްކުރުމާއި 2024 ވަނަ އަހަރުގެ ފައިދާއިން ހިއްސާދާރުންނަށް ބެހުމަށް ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅާފައިވާ އަދަދު ފާސްކުރުންވެސް އޮންނާނެ އެވެ.

އެމްޓީސީސީ އިން ބުނި ގޮތުގައި އެ ކުންފުނީގެ 2024 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގައި ބައިވެރިވުމަށް އެދި މިމަހުގެ 15 ވަނަ ދުވަހުގެ ރޭ 8:30 ގެ ކުރިން ރަޖިސްޓްރީވާން ޖެހެ އެވެ.