ޖާހް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ތަރައްގީ ކުރަމުން އަންނަ "ދަ ގާޑަންސް" ގެ މަސައްކަތް ނިންމަން އެޗްޑީސީން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އާ ހަވާލުކޮށްފި އެވެ.
"ދަ ގާޑަންސް" ގެ މަސައްކަތް ޖާހް އިންވެސްޓްމަންޓުން ފެށީ 2017 ވަނަ އަހަރު ދެ އަހަރުގެ ތެރޭގައި ނިންމާ ގޮތަށެވެ. ނަމަވެސް އެ މަޝްރޫއު ނުނިމި ގިނަ ދުވަސްވާތީ، ފްލެޓް ގަތް މީހުން ވަނީ މުޒާހަރާވެސްކޮށްފަ އެވެ.
އެޕާޓްމަންޓްތައް ނިންމުމަށް ނޯޓިސް ދިން ނަމަވެސް އެ މުއްދަތު ހަމަވިއިރުވެސް މަސައްކަތްތައް ނުނިންމުމެވެ. މަސައްކަތް ނުނިމުމުން އެޗްޑީސީ އިން ވަނީ އެއްބަސްވުން ބާތިލުކޮށްފަ އެވެ.
އެޗްޑީސީ އިން އެ ބިމާ ހަވާލުވުން ހުއްޓުވައި ދިނުމަށް އެދި ޖާހުން ކޯޓަށް ދިޔަ ނަމަވެސް ކޯޓުން ނިންމީ އެފަދަ އަމުރެއް ނުނެރެވޭނެ ކަމަށެވެ.
މި މަޝްރޫގައި ޖުމްލަ 83 އެޕާޓްމަންޓް ހިމެނެ އެވެ. މީގެ ތެރޭގައި ދެ ކޮޓަރި އެޕާޓްމަންޓާއި 2+1 އަދި 2+2 އެޕާޓްމަންޓް ހިމެނެ އެވެ. މީގެ އިތުރުން ތިން ކޮޓަރީގެ އެޕާޓްމަންޓާއި 3+1 އެޕާޓްމަންޓާއި 4+2 އަދި 5+1 އަދި 5+2 އެޕާޓްމަންޓް ހިމެނެ އެވެ.
ދަ ގާޑަން ވެބްސައިޓްގައިވާ ގޮތުން އެ ހުރިހާ އެޕާޓްމަންޓެއް ވަނީ ވިކިފަ އެވެ.