މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުހުންގެ "ރައްކާ" ކެމްޕޭންގައި ބައިވެރިވި ތިން ކުންފުންޏަކާ އެކު ސޮއިކޮށްފި

ރޯޑް ސޭފްޓީ ޕާާޓްނަރުންގެ ގޮތުގައި ދިވެހި ފުލުހުންގެ ހިދުމަތާ އެކު ތިން ކުންފުންޏަކުން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

ފުލުހުންގެ ރޯޑް ސޭފްޓީ އެވެއާނެސް އެންޑް ޕްރިވެންޝަނުން މި އަހަރު ކުރިއަށް ގެންދާ ''ރައްކާ ކެމްޕެއިން''ގައި ބައިވެރިވެ އެއްބަސްވުމުގައި ސޮއި ކުރީ އުރީދޫ މޯލްޑިވްސް އާއި އެލައިޑް އިންޝުއަރެންސް އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އެވެ.

ފުލުހުންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން އެވެ. އުރީދޫގެ ފަރާތުން ކޮމާޝަލް އޮފިސާ ހުސައިން ނިޔާޒް ސޮއި ކުރެއްވިއިރު އެލައިޑްގެ ފަރާތުން ސޮއިކުރެއްވީ އެގްޒެކެޓިވް ޑިރެކްޓަރު ނަސްރަތު މުހައްމަދު އެވެ އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައުދީ އެވެ.

މި ރަސްމިއްޔާތުގައި މާލެ ޕޮލިސްގެ ހެޑް އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އާސިމް އަބްދުﷲ އާއި ރޯޑް ޕޮލިސް ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓްގެ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރު އާއި ތިން ކުންފުނީގެ އިސްވެރިން ބައިވެރިވި އެވެ.

މިއަދު ސޮއިކުރި އެއްބަސްވުންތަކުގެ ދަށުން "ރައްކާ"ގެ އެކި ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ކުންފުނިތަކުން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.