މޯލްޑިވްސް ޕޮލިސް ސާވިސް

ވިލިމާލެ ޕޮލިސްގެ ކުޅިވަރު ވަސީލަތްތައް ވެމްކޯއިން ތަރައްގީކުރަނީ

ވިލިމާލެ ޕޮލިސްގެ ކުޅިވަރު ވަސީލަތްތައް ތަރައްގީ ކުރުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އާ ދެމެދު އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގެ ދަށުން ވިލިމާލެ ޕޮލިސްގައި ގާއިމުކުރެވޭ ކުޅިވަރު ވަސީލަތްތަކަކީ ފުލުހުންނާއި ވެމްކޯގެ މުވައްޒަފުންނަށް ބޭނުންކުރެވޭ ގޮތަށް ތަރައްގީކުރެވޭ ވަސީލަތްތަކަކަށް ވާނެ އެވެ.

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކަމާ ގުޅޭ އެއްބަސްވުމުގައި ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން އެވެ. ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުޖްތަބާ ޖަލީލް އެވެ.

ފުލުހުން ބުނީ މި އެއްބަސްވުގެ ދަށުން ކުރެވޭ މަސައްކަތްތަކަކީ ވިލިމާލޭގައި ކުޅިވަރުގެ ވަސީލަތްތައް އިތުރަށް ތަރައްގީކޮށް، ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިކޮށްދީ ހަށިހެޔޮ ސިއްހަތެއްގައި ތިބެ، ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް އިތުރު ބާރެއް ލިބިގެންދާނެ މުހިއްމު މަސައްކަތެކެއް ކަމަށެވެ. މީގެ އިތުރުން މި މަސައްކަތުގެ ސަބަބުން ދެ މުއައްސަސާގެ ގުޅުމާއި ވިލިމާލޭގެ އިޖުތިމާއީ ގުޅުން ބަދަހިވެގެންދާނެ ކަމަށްވެސް ބުންޏެވެ.

މި އެއްބަސްވުމުގެ ދަށުން ވިލިމާލޭ ޕޮލިސްގެ ފުޓްސަލް ދަނޑާއި ވޮލީ ކޯޓު އިތުރަށް ތަރައްގީކޮށް އިތުރު ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމަށް ހަމަޖެހިފައިވެ އެވެ.