ހުޅުމާލޭގައި ޕާކްކޮށްފައި ހުރި ވެހިކަލްތަކަކުން ވައްކަން ކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަަރުކޮށްފި އެވެ.
މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ ލ. އިސްދޫ، އޯކިޑްމާގެ، އަބްދުއްރަހްމާން ހުސައިން (33 އ) އެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ މިއަދު ފަތިހުގެ ވަގުތެއްގައި ހުޅުމާލެ ޕޮލްކޯ ފްލެޓްތައް ކައިރި ޕާކިން ޒޯން ކައިރީގައި ހުއްޓައި އެވަގުތު ޕެޓްރޯލް ކުރަމުންދިޔަ ފުލުހުން ފެނުމާއެކު އެއްޗެއް ފޮރުވަން މަސައްކަތްކޮށް، ސައިކަލަށް އަރައިގެން ދާން މަސައްކަތް ކުރަނިކޮށެވެ.
ފުލުހުން ބުނީ އޭނާ ހުއްޓުވައި، ބަލައި ފާސްކުރުމުން އެ ސަރަހައްދުގައި ޕާކްކޮށްފައި ހުރި ބައެއް ކާރާއި ޕިކަޕް ހުޅުވައިގެން ވަގަށް ނަގާފައިވާ ބައެއް ތަކެތި ފެނިފައިވާ ކަމަށެވެ. އެގޮތުން އެސަރަހައްދުގައި ޕާކްކޮށްފައިވާ ނުވަ ކާރަކާއި ޕިކަޕެއް ހުޅުވައި، އެ ވެހިކަލްތަކުން ބައެއް ތަކެތި އޭނާ ވަގަށް ނަގާފައި ކަމަށްވެސް ބުންޏެވެ.
މީގެއިތުރުން ފުލުހުން އޭނާ ހުއްޓުވި ވަގުތު އޭނާގެ އަތުގައި އޮތް މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ސެލޯފިންކޮޅެއް އެއްލާލުމާ ގުޅިގެން އޭނާގެ ހާޒިރުގައި އެ ނަގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަަމަށްވެސް ބުންޏެވެ. އަދި ހައްޔަރުކޮށްފައިވާ މީހާ އާއި އޭނާ އަރައިގެންދާން މަސައްކަތްކުރި ސައިކަލް ބަލައި ފާސްކުރިއިރު ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ކާރު އަދި ސައިކަލް ތަޅުދަނޑިތަކާއި ފައިސާ އާއި ފޯންތަކަކާއި ޗާޖިން ކޭބަލް ފަދަ ތަކެތި ފެނުނު ކަމަށްވެސް ފުލުހުން ބުންޏެވެ.
މި މައްސަލަ ހުޅުމާލެ ޕޮލިހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.