އޭސީސީ

ގެދޮރުވެރިޔާ ސްކީމުގައި އިސްކޮށް އުޅުއްވި ހަތަރު ބޭފުޅަކަށް ދައުވާކޮށްދިނުމަށް އެދިއްޖެ

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމުގެ ތެރެއިން ވަކި ފަރާތްތަކަކަށް ނާޖާއިޒު މަންފާ ހޯދައިދީފައިވާތީ ހައުސިން މިނިސްޓްރީގައި ކުރިން އިސްކޮށް މަސައްކަތް ކުރެއްވި ހަތަރު ބޭފުޅެއްގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި އޭސީސީ އިން ޕީޖީ އޮފީހަށް މިއަދު މައްސަލަ ފޮނުވައިފި އެވެ.

ދައުވާކޮށްދިނުމަށް އެދިފައިވަނީ ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މއ. އެވަލާސްޓް، އަކްރަމް ކަމާލުއްދީންއާއި އެ މިނިސްޓްރީގެ ކުރީގެ ސީނިއަ އެގްޒެކެޓިވް ހއ. އިހަވަންދޫ، ނެދުންގެ، މުހައްމަދު އާރިފްއާއި އެ މިނިސްޓްރީގެ ކުރީގެ ސީނިއަ އެގްޒެކެޓިވް މއ. ވިރާޙް، ޟިރުޢާމް ވަހީދުގެ އިތުރުން އެ މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި މއ. އިހާދޫ، އަހްމަދު ވިޝާން ނަސީމްގެ މައްޗަށެވެ.

މި ބޭފުޅުންގެ މައްޗަށް ރަސްމީ ހައިސިއްޔަތާއި އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނަޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށުގެ ދައުވާ ކޮށްދިނުމަށް އެދިފައިވެ އެވެ.

އޭސީސީ އިން ބުނީ ގެދޮރުވެރިޔާ ސްކީމުގެ ފުރަތަމަ ބުރުގެ، ފުރަތަމަ 4،000 ފުލެޓް ލިބޭ މީހުންގެ ތެރޭގައި ވަކި ބަޔަކު ހިމަނައި، ވަކި ބަޔަކަށް ނާޖާއިޒު މަންފާއެއް ހޯދައި ދީފައިވާކަން އެ ކޮމިޝަނުން ފުލުހުންނާ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގުގައި ހޯދާފައިވާ ހެއްކާއި ގަރީނާއިން އެނގޭ ކަމަށެވެ.

އޭސީސީ އިން އިތުރަށް ބުނީ ރަސްމީ ހައިސިއްޔަތާއި އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނަޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށް ފިޔަވައި، އެހެން އިތުރު ކުށްތައްވެސް މި މައްސަލައިގައި ޝާމިލުވާ ބޭފުޅުން ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭތީ އެ ކުށްތައް ތަހުގީގު ކުރުމުގެ މަސައްކަތް ފުލުހުންނާ ގުޅިގެން އަދިވެސް ކުރިއަށްދާ ކަމަށެވެ.