ބެންޖަމިން ނަތަންޔާހޫ

ހަނގުރާމަ ނިންމާލުމަށް ނަތަންޔާހޫ ބޭއްނުމެއް ނުވޭ

ހަމާސްއާއެކު ސުލްހައިގެ އެއްބަސްވުމެއް ހަދައިގެން ހަނގުރާމަ ނިންމާލުމަށް ބޭނުން ނުވާ ކަމަށް އިޒުރޭލުގެ އަނިޔާވެރި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.

ނަތަންޔާހޫ ވަނީ ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓާލުމަށް ހަމާސްއިން ހުށަހެޅި ހުށަހެޅުން ބަލައިގަތުމަށްވެސް އިންކާރު ކުރައްވާފަ އެވެ. ހަމާސްގެ ހުށަހެޅުމަކީ އެއްގޮތަކަށްވެސް ގަބޫލުކުރެވޭނެ ހުށަހެޅުމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

ނަތަންޔާހޫ ވިދާޅުވީ ހަމާސް މުޅިން ނައްތާލައި، ހުރިހާ ރަހީނުން ދޫކޮށްލަންދެން ހަނގުރާމަ ހުއްޓާ ނުލައި ކުރިއަށް ގެންދާނެ ކަމަށެވެ.

ފަލަސްތީންގެ ޣައްޒާގައި މިހާރު ކުރިއަށް ގެންދާ ހަނގުރާމައިގައި 60،000 އާ ގާތްކުރާ އަދަދަކުން އިޒުރޭލުން ވަނީ ފަލަސްތީންގެ އާންމު ރައްޔިތުން ޝަހީދުކޮށްލާފަ އެވެ.

އިންސާނީ އެހީދޭ ޖަމާއަތްތަކުން ވަނީ ޣައްޒާގައި މިހާރު އިންސާނީ ކާރިސާއެއް ފެތުރި މުޅި ޣައްޒާގެ ރައްޔިތުން އަސާސީ ހައްގުތަކުން މަހުރޫމުވެފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ޣައްޒާއަށް އެހީ ވެއްދުން ހުއްޓުވާ، އެހީގެ ގާފިލާތަށް ވަންނަން އޮތް ހުރިހާ މަގުތަކެއް އިޒްރޭލުން ވަނީ ބަންދުކޮށްފަ އެެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުން އިޒްރޭލުގެ މިޖަރީމާތައް ކުށްވެރިކޮށްފައިވެ އެވެ. ހުޅަނގުގެ ގިނަ ބާރުތަކަކުންވެސް ގެންދަނީ އިޒްރޭލުގެ ރަހުމު ކުޑަ އަމަލުތަކާއި ދެކޮޅަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް އަދި ކެނެޑާއިން ވަނީ އިޒްރޭލާ ދެކޮޅަށް ފިޔަވަޅު އަޅަން ޖެހިދާނެކަމަށް ބުނެ އިންޒާރުދެމުންނެވެ. އަދި އިޓަލީވިލާތުން ވަނީ ރަސްމީކޮށް އިޒްރޭލާ ގުޅުން ކަނޑާލާފަ އެވެ.

ހުޅަނގުގެ ފިއްތުންތަކާއެކު ވެސް އިޒްރޭލުން ގޮތްދޫކުރާ މަންޒަރެއް އަދި ނުފެނެ އެވެ.