ހުޅުމާލޭގައި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރިއަރުވައި ދަނޑުވެރިންނަށް ފުރުސަތު ފަހިކޮށްދިނުމަށް ކުރިއަށް ގެންދާ އާބަން ފާމިންގެ ދެވަނަ މަޝްރޫއުގެ ދަށުން ގާއިމުކޮށްފައިވާ ދަނޑުވެރި ސްލޮޓްތަކާއި ޕްލާޒާ މިއަދު އިފްތިތާހުކޮށްފި އެވެ.
މިކަމަށްޓަކައި މިއަދު ހަވީރު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އާބަން ފާމިން 2ގެ ޕްލާޒާ ހުޅުއްވައިދެއްވީ އެގްރިކަލްޗާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އެވެ.
ޖަޕާންގެ ހިލޭ އެހީގައި ޔޫއެންޑީޕީ އާއި އެޗްޑީސީ ގުޅިގެން ހިންގާ "ކޮމިއުނިޓީ އާބަން ފާމިން" މަޝްރޫއަކީ ސަސްޓެއިނަބަލް އިކޮނޮމިކް އެމްޕަވަރމަންޓް ފޯ ޑިވެލޮޕްމަންޓް އޮފް އެމްއެސްއެމްއީސް (ސީޑްސް) މަޝްރޫއުގެ ބައެއްގެ ގޮތުގައި ކުރިއަށް ގެންދާ މަޝްރޫއުކެވެ.

މި ޕްރޮގްރާމްގެ އެންމެ ބޮޑު އެއް ބޭނުމަކީ ހުޅުމާލޭގައި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރިއަރުވައި، ދަނޑުވެރިންނަށް ބޭނުންވާ ވަސީލަތްތަކާއި އެކަށީގެންވާ ޓްރެއިނިން ދިނުމުގެ އިތުރުން އެމީހުން ހައްދާ ބާވަތްތައް ވިއްކައި ދެމެހެއްޓެނިވި ގޮތެއްގެ މަތިން އެކަށީގެންވާ އާމްދަނީއެއް ހޯދޭނެ މަގުފަހިކޮށްދިނުމެވެ.
އުމުރުން 18 އަހަރު ވެފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް ހުޅުވާލައިގެން ދަނޑު ބިންތައް ކުއްޔަށްދީ، ހުޅުމާލޭގައި ދަނޑުވެރިން އިތުރުކުރުމަށް ހިންގާ ދެވަނަ މަޝްރޫއުގެ ދަށުން ވަނީ 84 ދަނޑުވެރިން ތަމްރީނުކޮށް އެމީހުންނަށް ސެޓްފިކެޓްވެސް ހަވާލުކޮށްފަ އެވެ.
މިއަދު އިފްތިތާހް ކުރި މަޝްރޫއުގެ ދަށުން ދަނޑު ހެއްދުމަށް 28 ސްލޮޓް ވަނީ ދޫކޮށްފަ އެވެ. މި ސްލޮޓުތައް ކައިރީގައި 28 ޕޮޕް އަޕް މާކެޓް ސްޓޯލް ގާއިމުކޮށްފައިވާއިރު މި ސްޓޯލްތަކުގެ ބޭނުމަކީ ދަނޑުވެރިން ހައްދާ ބާވަތްތައް ފަސޭހައިން ވިއްކޭނެ މަގުފަހިކޮށްދިނުމެވެ.

އެޗްޑީސީ އިން ބުނީ އާބަން ފާމިންގް މަޝްރޫއަކީ ހުޅުމާލޭގެ ނެއިބަހުޑްތަކުގައި ގަސް ހެއްދުމަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅިގެން ދިޔަ މުހިއްމު ފިޔަވަޅެއް ކަމަށެވެ.
އެޗްޑީސީގެ މަގްސަދަކީ މި މަޝްރޫއު މެދުވެރިކޮށް އިޖްތިމާއީ ގުޅުން ވަރުގަދަކޮށް ކާބޯތަކެތި ފަސޭހަކަމާއި އެކު އުފައްދާ، ލިބޭނެ ގޮތް ހުޅުމާލެގައި މަގުފަހި ކޮށްދިނުން ކަމަށްވެސް ބުންޏެވެ.