ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު، ސިންގަޕޫރުގެ ގައުމީ ޓީމާ އެކު ރަހުމަތްތެރިކަމުގެ މެޗެއް ކުޅުމަށާއި ޓިމޯ ލެސްޓާއާ އެކު އޭޝިއަން ކަޕް ކޮލިފައިން މެޗެއް ކުޅުމަށް ފުރައިފި އެވެ.
ގައުމީ ޓީމު ފުރަތަމަ ދަތުރުކުރާނީ ސިންގަޕޫރަށެވެ. މާދަމާ ސިންގަޕޫރާ ދެކޮޅަށް ކުޅުމަށްފަހު، ރާއްޖޭގެ ޓީމު ދެން ދަތުރުކުރާނީ އޮސްޓްރޭލިއާ އަށެވެ.
މިމަހުގެ 10 ވަނަ ދުވަހު އޮސްޓްރޭލިއާގައި ރާއްޖޭގެ ޓީމާއި ޓިމޯ ލެސްޓާ އޭޝިއަން ކަޕް ކޮލިފައިންގައި ކުޅޭނެ އެވެ.
ފީފާ އަދި އޭއެފްސީގެ މިންގަނޑުތަކަށް ފެތޭ ދަނޑެއް ޓިމޯ ލެސްޓޭގައި ނެތުމުން، ޓިމޯ ލެސްޓޭ އިން ފުރަތަމަ މަސައްކަތް ކުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗު ތައިލެންޑުގައި ކުޅުމަށެވެ. އެ މަސައްކަތް ކޮޅެއްގައި ނުޖެހުމުން އެންމެ ފަހުން އޮސްޓްރޭލިޔާގައި މި މެޗު ކުރިއަށް ގެންދަން އޭއެފްސީ އިން ނިންމީ އެވެ.
ރާއްޖޭގެ ޓީމުން ވަނީ 2022 ވަނަ އަހަރުވެސް ރަހުމަތްތެރިކަމުގެ މެޗެއްގައި ސިންގަޕޫރާ ދެކޮޅަށް ކުޅެފަ އެވެ. އެ މެޗުން ރާއްޖެ ވަނީ ސިންގަޕޫރު އަތުން ބަލިވެފަ އެވެ. އަދި މިދިޔަ އަހަރު ރާއްޖޭގެ 19 އަހަރުން ދަށު ޓީމް، ޓިމޯ ލެސްޓާ އަތުން 1-4ގެ ނަތީޖާއަކުން ބަލިވި އެވެ. އެހެންނަމަވެސް 2014 ވަނަ އަހަރު ރާއްޖޭގެ 23 އަހަރުން ދަށު ޓީމް ވަނީ ޓިމޯ ލެސްޓޭ ބަލިކޮށްފަ އެވެ.
ގައުމީ ފުޓްބޯޅަ ޓީމު މި މެޗުތަކަށް ނުކުންނައިރު، އެފްއޭއެމް ލީގު ކަޕްގައި ވާދަވެރި ރަނގަޅު މެޗުތައް ކުޅެ، ގައުމީ ޓީމުގެ ގިނަ ކުޅުންތެރިން ފޯމަކަށް އެޅިފައިވާކަން ޓީމުގެ އޮފިޝަލުން ވަނީ ފާހަގަކޮށްފަ އެވެ.