ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިންގާ ކުންފުނި އެމްއޭސީއެލްއަށް މިދިޔަ އަހަރު އެއް ބިލިއަން ރުފިޔާގެ ސާފު ފައިދާ ލިބިއްޖެ އެވެ.
އޮޑިޓް އޮފީހުން އާންމުކޮށްފައިވާ އެމްއޭސީއެލްގެ މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓުން އެނގޭ ގޮތުގައި މިދިޔަ އަހަރު އާމްދަނީއަށް 8.6 ބިލިއަން ރުފިޔާ ލިބުނުއިރު ވިޔަފާރި ހިންގުމުގެ ހަރަދަށް 4.6 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އަދި ޖުމްލަ ފައިދާގެ ގޮތުގައި ހަތަރު ބިލިއަން ރުފިޔާ ލިބުނެވެ. މީގެއިތުރުން އިދާރީ ހަރަދުތަކާއި ޓެކްސްއަށް ކެނޑުމަށްފަހު ސާފު ފައިދާއަށް 1.1 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.
އޮޑިޓް ރިޕޯޓުން އެނގޭ ގޮތުގައި ސަރުކާރު ހިންގަން އެމްއޭސީއެލްގެ ތެރެއިން 80 މިލިއަން ޑޮލަރު ނުވަތަ 1.2 ބިލިއަން ރުފިޔާގެ ލޯންވެސް ނަގާފައިވެ އެވެ.
އެމްއޭސީއެލް އަށް މިދިޔަ އަހަރު ލިބުނު ސާފު ފައިދާއަކީ އޭގެ ކުރީ އަހަރަށް ވުރެ 18 ޕަސެންޓް އިތުރު އަދަދެކެވެ. އެމްއޭސީއެލްއަށް 2023 ވަނަ އަަހަރު ފައިދާގެ ގޮތުގައި ލިބުނީ 903 މިލިއަން ރުފިޔާ އެވެ. އެހެންކަމުން މިދިޔަ އަހަރު ލިބުނު ސާފު ފައިދާ ވަނީ 2023 ވަނަ އަހަރާ އަޅާބަލާއިރު ގާތްގަނޑަކަށް 192 މިލިއަން ރުފިޔާ އިތުރުވެފަ އެވެ.
އެމްއޭސީއެލް އަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އަބަދުވެސް އެންމެ ރަނގަޅަށް ފައިދާވާ އެއް ކުންފުންޏެވެ.