ރައްޔިތުންގެ މަޖިލިސް

ސިޓިޒެންޝިޕާބެހޭ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި

ދިވެހި ރައްޔިތުކަން ދޫކޮށްލަން ބޭނުންވާނަމަ އެކަން ކުރެވޭ ގޮތަށް ސިޓިޒެންޝިޕު ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ. މި އިސްލާހު ހުށަހެޅީ ސަރުކާރުންނެވެ.

ސަރުކާރުގެ ފަރާތުން ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު މުބީން، ސިޓިޒެންޝިޕް ގާނޫނަށް ހުށަހެޅި އިސްލާހުގައިވާ ގޮތުން ދިވެހި ރައްޔިތުކަން ދޫކޮށްލަން ބޭނުންވާ ކޮންމެ މީހަކަށް އެކަން ކުރެވޭނެ ކަމަށް ގާނޫނުގައި އޮތް ނަމަވެސް އެކަން ކުރެވޭނެ އިޖުރާއަތުތައް ނެތެވެ.

ދިވެއްސަކަށްވާން އެދޭނަމަ ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތުތަކެއް 1969 ވަނަ އަހަރު ފާސްކުރި ސިޓިޒެންޝިޕް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ. ދިވެހި ރައްޔިތުކަން ދޫކޮށްލަން ބޭނުންވާ މީހުން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް ބަޔާންކޮށްފައެއް ނުވެ އެވެ.

ހުށަހެޅި އިސްލާހުގައި ސަރުކާރުން ވަނީ އެ ގާނޫނުގެ ތިން މާއްދާއެއް އިތުރުކުރަން ހުށަހަޅާފަ އެވެ. އެގޮތުން ދިވެހި ރައްޔިތުކަން ދޫކޮށްލަން ބޭނުންވާ މީހާ އިގުރާރެއްގައި ސޮއިކުރަން ޖެހޭނެ ކަމަށް ވެސް އިސްލާހުގައިވެ އެވެ. އެ އިގުރާރު ބަލައިގަންނަ މިނިސްޓަރަށް ވަކި ހާލަތެއްގައި ބަލައި ނުގަތުމުގެ ބާރު އޮންނާނެ ކަމަށް ވެސްވެ އެވެ.

މުބީން ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން، ހަ މަސް ދުވަހުގެ ތެރޭގައި ދިވެހި ރައްޔިތުކަން ދޫކޮށްލާ މީހާއަށް ހަސް މަސް ދުވަހުގެ ތެރޭގައި އެހެން ގައުމެއްގައި ރައްޔިތުކަން ލިބިއްޖެނަމަ އަނބުރާ ދިވެހި ރައްޔިތުކަން ނުލިބޭނެ އެވެ.