ފިނޭންސް މިނިސްޓްރީ

އާމްދަނީ 7.6 ޕަސެންޓް އިތުރުވެ، 16.5 ބިލިއަނަށް

އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި މި އަހަރު ދައުލަތަށް ލިބުނު މިންވަރު 7.6 ޕަސެންޓް އިތުރުވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައިވާ ގޮތުން މޭ 29 ވަނަ ދުވަހުގެ ނިޔަލަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 16.5 ބިލިއަން ރުފިޔާ ދައުލަތަށް ލިބުނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 7.6 ޕަސެންޓް އިތުރު އަދަދެކެވެ.

ދައުލަތަށް މި އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 13 ބިލިއަން ރުފިޔާ ލިބުނުއިރު އެއީ ޖުމްލަ އާމްދަނީގެ 78.4 ޕަސެންޓެވެ.

ފިނޭންސްގެ ތަފާސްހިސާބުތަކަށް ބަލާއިރު ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީގެ ތެރެއިން ޓެކުހުގެ ރޭޓްތަކަށް ގެނައި ބަދަލާއި ގުޅިގެން ޖީޖީއެސްޓީ، ޓީޖީއެސްޓީ އަދި ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީގެ މިންވަރު މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 14.8 ޕަސެންޓްއިތުރުވެފަ އެވެ.

ފިނޭންސް މިނިސްޓްރީން ހާމަކުރި ގޮތުގައި ދައުލަތަށް މި އަހަރު ލިބޭނެ ކަމަށް އަންދާޒާކުރި އާމްދަނީގެ 41.6 ޕަސެންޓް މިހާތަނަށް ވަނީ ލިބިފަ އެވެ. އަދި މި އަހަރު ހިނގާނެ ކަމަށް އަންދާޒާކޮށްފައިވާ ޖުމުލަ ހަރަދުގެ ތެރެއިން މި މުއްދަތުގެ ތެރޭގައި ދައުލަތުގެ ހަރަދުގެ ގޮތުގައި ރެކޯޑުކޮށްފައިވަނީ 31.1 ޕަސެންޓެވެ.