ސުޕްރީމް ކޯޓް

ސަލީމާއި ހަމީދަށް ރުހުން ދޭން ކޮމިޓީން ފާސްކޮށްފި

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދާއި ހައިކޯޓުގެ މިހާރުގެ ފަނޑިޔާރު މުހައްމަދު ސަލީމް އައްޔަންކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

ކޮމިޓީން އެގޮތަށް ފާސްކުރީ މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ޕީއެންސީގެ މެންބަރުންގެ އިއްތިފާގުންނެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ތިއްބެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު މަގާމުން ވަކިކުރުމާ ގުޅިގެންނެވެ.

މަހާޒް އާއި އަޒްމިރަލްދާގެ ބަދަލުގައި ދެ ފަނޑިޔާރުން ހޯދުމަށް އިއުލާން ކުރުމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް 12 ބޭފުޅުން ކުރިމަތިލެއްވި އެވެ.

ޖޭއެސްސީ އިން އެ ހުރިހާ ބޭފުޅުންނާ އިންޓަވިއު ކުރުމަށްފަހު އެންމެ ގިނަ މާކްސް ދީފައިވަނީ ސަލީމާއި ހަމީދު އަށެވެ. އެހެންވެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އެ ދެ ބޭފުޅުން އައްޔަންކުރަން ފެންނަ ކަމަށް ޖޭއެސްސީ އިން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ އަރުއްވާފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަލީމާއި ހަމީދު އައްޔަންކުރަން މަޖިލީހުގެ ރުހުން ހޯދުމަށް ރައީސް ޑރ. މުއިއްޒު ހުށަހެޅުއްވީ މިމަހުގެ ދެވަނަ ދުވަހު އެވެ. މަޖިލީހުގެ ރިޔާސަތުން އެ މައްސަލަ ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވީވެސް އެ ދުވަހު އެވެ.

ފަނޑިޔާރު ހަމީދު ވަނީ ޑިސެމްބަރު 9، 2007 އިން ފެށިގެން ޖޫން 6، 2022 ވަނަ ދުވަހާ ހަމައަށް ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމު ފުރުއްވާފަ އެވެ. އެކަމަކު ހަމީދަކީ ހައިކޯޓުގެ ފަނޑިޔާރު ކަމުގައި ހުންނަވަނިކޮށް ރައްޔިތުންގެ މަޖިލީހުން މަގާމުން ވަކިކުރައްވާފައިވާ ބޭފުޅެކެވެ.

ކުއްލިޔަތުއް ދިރާސަތިލް އިސްލާމިއްޔާއިން ބެޗްލާސް ޑިގްރީ ހާސިލްކުރައްވާފައިވާ ސަލީމަކީ ހައިކޯޓުގެ ލީގަލް އޮފިސަރުގެ މަގާމުގައި 12 އަހަރު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ސަލީމް، ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ ކުރައްވާފައިވަނީ އޮގަސްޓް 9، 2022 ގައެވެ.