މީހުން

މިޝްކާ ބޭނުންވަނީ ކޭކަކުން ވާހަކައެއް ކިޔައިދޭން

ކޭ ކަކުން ވާހަކައެއް ކިޔައިދެވިދާނެ ހެއްޔެވެ؟ އެކަމަކު އުމުރުން 18 އަހަރުގެ މިޝްކާ އަލީ ސަމީރު ބޭނުންވަނީ ކޭކަކުން ވާހަކައެއް ކިޔައިދޭށެވެ. އެއީ ކުރެވިދާނެ ކަމެއްކަން މިޝްކާ ދަނީ ސާބިތުވެސް ކޮށްދެމުންނެވެ.

މޯލްޑިވްސް އެކްސްޕޯގައި ގިނަ ބައެއްގެ ސަމާލުކަން ލިބުނު "މާކަނާ ކަލޯ" ކޭކަކީކީ މިޝްކާގެ ވަރަށް ފުރިހަމަ މަސައްކަތެކެވެ.

"އެ ކޭކަކީ ދިވެހިރާއްޖޭގެ ރީތިކަމާއި ރަށްރަށުގެ މަންޒަރު ދައްކުވައިދޭ ކޭކް މާކަނާ ކަލޯ،" ކޭކުން ކިޔައިދޭ ވާހަކައާ ގުޅޭ ގޮތުން މިޝްކާ "އަވަސް" އަށް ބުންޏެވެ.

މިޝްކާ "މާކަނާ ކަލޯ" ކޭކް އެޅީ މެލޭޝިއާގައި ކިޔަވަމުން ލިބުނު ސެމިސްޓާ ބްރޭކެއްގައި މާލެ އައިސް އޭނާގެ މަންމަގެ ހާއްސަ އެދުމަކަަށެވެ.

މިޝްކާގެ މާކަނާ ކަލޯ ކޭކަކީ ގާތްގަނޑަކަށް ފަސް ވަރަކަށް ދުވަހުގެ ބުރަ މަސައްކަތެވެ. އެ ކޭކު ގިނަ ބަޔަކަށް ވަރަށް ކަމުދިޔަ އެވެ.

ކަލިނަރީ ދާއިރާއިން ކިޔަވަމުންދާ މިޝްކާ ކޭކް އެޅުމަށް ޝައުގުވެރިކަން އުފެދުނީ މިޝްކާގެ މަންމަވެސް އެ މަސައްކަތްކުރާތީ އުމުރުން އެންމެ 10 އަހަރުގަ އެވެ.

"މާކަނާ ކަލޯ" ކޭކަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނު ނަމަވެސް މިޝްކާއަށް އަދިވެސް އެންމެ ހިތްހަމަޖެހޭ މަސައްކަތަކީ އޭނާ މީގެ ކުރިން އަޅާފައިވާ "ކުނި ކޭކް" އެވެ.

މިޝްކާ ބުނި ގޮތުގައި ކޭކުގެ މަސައްކަތުގައި އެންމެ ބޮޑު ގޮންޖެހުމަކީ އަސްލާއި އެއްގޮތް ކުރުމެވެ. އެހެންވެ ކޭކް އެޅުމުގެ މަސައްކަތަކީ ކެތްތެރިކަމެއް ހުރެގެން ނޫނީ ނުކުރެވޭނެ ކަމެއް ކަމަށް އޭނާ ގަބޫލުކުރެ އެވެ.

"އެންމެ ޗެލެންޖިން ބަޔަކީ އެ ޑިޒައިން ރިއަލިސްޓިކް ކުރުން ކޭކްގެ ޑީޓެއިލްސް އާއި ކުލަ ޖެއްސުމަށާއި ޝޭޑްސްތައް ރަނގަޅުކުރުން،" މިޝްކާ ބުންޏެވެ.

https://www.instagram.com/platedbymikko/

ކޭކް އެޅުމުގެ ދާއިރާއިން ރާއްޖޭގައި ގިނަ ފުރުސަތުތަކެއް ހުރި ކަމަށް މިޝްކާ ދެކެ އެވެ.

އެހެންކަމުން ތައުލީމު ހާސިލުކުރުމަށްފަހު މިޝްކާ ހުރީ މި ދާއިރާއިން އިތުރަށް ކުރިއަށް ދިއުމުގެ އަޒުމުގަ އެވެ. އަދި އޭނާގެ އިންޓަނޭޝަނަލް ބްރޭންޑެއް އުފެއްދުމަކީ މިޝްކާގެ ހުވަފެނެކެވެ.

"އުއްމީދުކުރަން ޑިގްރީ ނިންމާފައި ބިޒްނަސް ބޮޑުކޮށް މަންމަ ކޭކު އަޅާ ގޮތަށް މީހުންނަށް ކޭކު އަޅައިދޭން. ޕާޓީތަކަށާއި ވެޑިން އަދި އެހެން އިވެންޓްތަކަށް،" މިޝްކާ ބުންޏެވެ.