ޔޫއެފާ ނޭޝަން ލީގް

އުމުރުން 40 އަހަރުގައި ޕޯޗުގަލް މޮޅުކޮށްދިނީ ރޮނާލްޑޯ

ޖަރުމަނުގެ މިއުނިކްގެ އަލިއާންޒް އެރީނާގައި ރޭ ކުޅުނު ޔޫއެފާ ނޭޝަންސް ލީގުގެ ސެމީ ފައިނަލުގައި، ޕޯޗުގަލް ޓީމުން 2-1ގެ ނަތީޖާއަކުން ޖަރުމަނު ބަލިކޮށް އެ މެޗު ކާމިޔާބުކޮށްފި އެވެ.

މެޗުގެ ފުރަތަމަ 45 މިނިޓްގައި ދެ ޓީމުންވެސް ގޯލު ޖަހުމަށް މަސައްކަތް ކުރި އެވެ. ނަމަވެސް އެ ހާފް ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ.

ދެވަނަ ހާފުގެ 48 ވަނަ މިނިޓްގައި ފްލޯރިއަން ވާޓްޒް ބުލައުންއަށް ލިބުނު ފުރުސަތުގައި ޖަރުމަނަށް ފުރަތަމަ ލަނޑުޖަހައިދީ އެޓީމަށް ލީޑު ނަގައިދިނެވެ.

ނަމަވެސް 63 ވަނަ މިނިޓްގައި ޕޯޗުގަލް ޓީމުން ރުބެން ޑިއާޒް ދިން ރީތި ބޯޅައަކުން، ފްރާންސިސްކޯ ކޮންސެސާއޯ ޖަރުމަނުގެ ގޯލު ފޫއަޅުވާލައި ނަތީޖާ އެއްވަރުކުރި އެވެ.

އޭގެ ދެތިން މިނެޓުފަހުން ފަހުން 68 ވަނަ މިނިޓްގައި ނޫނޯ މެންޑޭޒް އުފެއްދި ފުރުސަތެއްގައި ރޮނާލްޑޯ ބޮލުން ގޯލު ޖަހައި ޕޯޗުގަލް ޓީމު މޮޅުކޮށްދީ އެޓީމަށް ލީޑުނަގައިދިނެވެ.

މި ގޯލާއެކު އުމުރުން 40 އަހަރުގެ ރޮނާލްޑޯ ގައުމީ ޓީމަށް 220 މެޗުގައި 137 ގޯލު ޖަހައިދީފައިވެ އެވެ. އުމުރުން މައްޗަށް ގޮސްފައިވީ ނަމަވެސް އަދިވެސް ރޮނާލްޑޯގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދެ އެވެ.

މި މަހު އަށްވަނަ ދުވަހު ކުޅޭ ނޭޝަންސް ލީގުގެ ފައިނަލް މެޗުގައި ޕޯޗުގަލް ބައްދަލުކުރާނީ ސެމީފައިނަލްގެ ދެވަނަ މެޗުގައި ސްޕެއިން އާއި ފްރާންސް ކުޅޭ މެޗުން މޮޅުވާ ޓީމަކާ އެވެ. މި ދެ ޓީމު ކުޅޭ މެޗު އޮންނާނީ މިރޭ އެވެ.

ދެހާސް އަށާރަ ވަނަ އަހަރު ފެށި މި މުބާރާތުގެ ފުރަތަމަ ޗެމްޕިއަންކަން ހޯފައިފައިވަނީ ޕޯޗުގަލް އެވެ. ސްޕެއިނުން އެންމެ ފަހުގެ ނޭޝަންސް ލީގު ކާމިޔާބުުކުރީ ކްރޮއޭޝިއާ ބަލިކޮށްފަ އެވެ.