އެޗްޑީސީ

ހުޅުމާލޭގައި ބޮޑު އީދު ކުލަގަދަކޮށް ފާހަގަކުރަނީ

މި އަހަރުގެ ބޮޑު އީދު ހުޅުމާލޭގައި ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމައިފި އެވެ.

އެގޮތުން މިއަދުން ފެށިގެން މިމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށ ްހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ އީދު ފާހަގަކުރުމުގެ ހަރަކާތްތައް މިރޭ ބާއްވާ ވެދުމާ ދިޔުމާއި އީދު ހުޅުގެ ހަރަކާތްތަކުގެ ތެރެއިން ފަށާނެ ކަމަށެވެ.

މި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ރުއްގަނޑު 1 ގައި މިރޭ 8:30 ގައި އަދި ހުޅުމާލެ 2ގެ ޗެނަލް ބީޗްގައި މިރޭ 9:00 ގައެވެ. މީގެ އިތުރުން ބޮޑުބެރުގެ ހަރަކާތްތަކެއްވެސް މިރޭ ކުރިއަށްދާނެ އެވެ.

މާދަމާ އީދު ނަމާދަށްފަހު ހުޅުމާލޭ ކްރިކެޓް ސްޓޭޑިއަމް ސަރަހައްދުގައި އުލްހިޔާ ކަތިލުމާއި އީދު ބޮނޑިބަތް ބެހުމުގެ ހަރަކާތްތައް ކުރިއަށްދާނެ އެވެ. އަދި ހަވީރު 4:00 އިން 5:30 އަށް ހުޅުމާލޭ ރުއްގަނޑު 1 ސަރަހައްދުގައި ވޯޓާ ސްޕޯޓްސް އިވެންޓެއް ބޭއްވުމަށް ހަމަޖެހިފައިވެ އެވެ.

ކުޑަކުދިންނަށް ހާއްސަކޮށްގެން މާދަމާ އިން ފެށިގެން މިމަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހަވީރު ހުޅުމާލޭ ސެންޓްރަލް ޕާކު އަދި ހިޔާ ޕާކު ސަރަހައްދުގައި ކުޑަކުދިންގެ ހަވީރުގެ ނަމުގައި ހާއްސަ ހަރަކާތްތަކެއްވެސް ކުރިއަށް ގެންދާނެ އެވެ.