މީހުން

ދެ މުހައްމަދު މިކުރަނީ ކުރަންޖެހޭ ބޮޑު ކަމެއް

ދިވެހި ބޭސްވެރިންގެ ޖަމިއްޔާގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ދިވެހި ބޭސްވެރިކަން ހީނަރުވެ ފަނޑުވެގެން ދިއުމެވެ. އެކަން އެ ޖަމިއްޔާގެ ރައީސް މުހައްމަދު އަހްމަދާއި ޖަމިއްޔާގެ ސެކެޓްރީ ޖެނެރަލް މުހައްމަދު އަބްދުﷲވެސް ފާހަގަކުރައްވަ އެވެ.

މުހައްމަދު އަބްދުﷲ ވިދާޅުވި ގޮތުގައި ދިވެހި ބޭސްވެރިންގެ ޖަމިއްޔާގެ މަގުސަދަކީ ދިވެހި ބޭސްވެރިންނާއި ގުޅިގެން މިތަރިކަ ކުރިއެރުވުމަށް މަސައްކަތް ކުރުމެވެ.

"ގަދީމީ ދުވަސްވަރުން ފެށިގެން އެންމެ ކުރިން ފެށިގެން އަޅުގަނޑުމެން ކުރަމުން އަންނަ ބޭސްވެރިކަމެއް. އެކަން މިއަދު މިވަނީ ވަރަށް ބޮޑަށް ހީނަރުވެފައި،" އަބްދުﷲ ވިދާޅުވި އެވެ.

ދިވެހި ބޭސްވެރިކަން ހީނަރުވާ މައިގަނޑު ސަބަބެއްގެ ގޮތުގައި އަބްދުﷲ ފާހަގަކުރެއްވީ ޑޮކްޓަރީ ބޭހަށް އާންމުން މާބޮޑަށް އިސްކަންދިނުމެވެ. ނަމަވެސް ގިނަ ބަލިތަކަށް ގޭތެރޭގައި ދެވޭނެ ފަރުވާ ދިވެހި ބޭހުގައި އެބަހުރި ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ. މުހިއްމު އާންމުންނަށް އެކަންކަން އަންގައިދިނުމެވެ.

"ޑޮކްޓަރެއް ކައިރިއަށް ނުގޮސް އަމިއްލައަށް ކުރެވިދާނެ ބައިވަރު ފަރުވާތައް އެބަހުރި އެކަންތައްތައް ކުރެވޭނެ މަގު އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ފަހިކޮށްދޭނަން،" އަބްދުﷲ ބުންޏެވެ.

އެކަމަށް ޖަމިއްޔާގެ ރައީސް މުހައްމަދު އަހްމަދުވެސް އެއްބަސްވެ އެވެ.

"ޑޮކްޓަރެއް ކައިރިއަށް ނުދާށެކޭ ނޫން މި ބުނަނީ. މިހާރު ކުޑަކުޑަ ކަމެއްގެ މިސާލަކަށް ކުއްޖަކު ހޮޑުލާން ފެށީ. ކުއްޖަކު ބޭރަށް ހިނގަން ފެށީ. އެއީ ހަމަ ވަރަށް ކުޑަކުޑަ ކަމެއް،" ދިވެހި ބޭހުގައި ކުރެވޭނެ ގިނަ ފަރުވާތަކެއް ހުރި ކަން ސާބިތުކޮށްދެއްވަމުން މުހައްމަދު އަހްމަދު ވިދާޅުވި އެވެ.

މުހައްމަދު އަހުމަދު ބުނި ގޮތުގައި ދިވެހި ބޭސްވެރިންގެ ޖަމިއްޔާގެ މަގުސަދަކީ ގޭތެރެއިން މީހުންނަށް އެފަދަ ބޭސްތައް ދަސްކޮށްދީ ގޭތެރެއިން ބަލިތަކަށް ހައްލުވެސް ހޯދައިދިނުމެވެ.

މުހައްމަދު އަހުމަދު ފާހަގަކުރި އަނެއް ކަންބޮޑުވުމަކީ ދިވެހި ބޭސްވެރިކަމަށް އާސަންދަ އިން ފަރުވާ ނުލިބުމެވެ.

"މިހާރު އެބަ ކުރެވޭ ޑަކްޓަރީ ބޭސް ހަމަ އައިޑީ ކާޑު ދިއްކޮށްލީމަ އަޅުގަނޑުމެންނަކަށް އެފުރަސަތެއް ނެތް އަދި،" މުހައްމަދު އަހުމަދުގެ ކަންބޮޑުވުމާ އެކު ވިދާޅުވި އެވެ.

މުހައްމަދު އަހުމަދު ބުނީ ރާއްޖެއިން ބޭރުގައި ހޮސްޕިޓަލްތަކުގައި އަޔުރްވެދިކް ޑިޕާޓްމަންޓް ހުންނައިރު ރާއްޖޭގެ ހޮސްޕިޓަލްތަކުގައި އެ ފުރުސަތު އޮންނަނަމަ އާސަންދައިގެ ދަށުން ދިވެހި ބޭހުގެ ފަރުވާ ލިބޭނެ ކަމަށެވެ. އެކަން ހަމަޖައްސައިދިނުމަށް ސަރުކާރަށް އޭނާ އިލްތިމާސްވެސް ކުރެއްވި އެވެ.

މުހައްމަދު އަބްދުﷲ ވަނީ ބޭސްވެރިކަމަށް ބޭނުންވާ ތަކެތި ރާއްޖެއިން ނުލިބޭ މައްސަލަ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރައްވާފަ އެވެ. އަދި އެ ތަކެތި އެތެރެ ކުރުމުގައި ބައެއް ފަހަރަށް ބޯޑަރުން ދިމާވާ ދަތިތަކަކީ ކޮންމެހެން ހައްލުކުރަން ޖެހިފައިވާ މައްސަލައެއް ކަމަށް ދެ ބޭފުޅުންވެސް ގަބޫލުކުރައްވަ އެވެ.

މުހައްމަދު އަބްދުﷲ ވިދާޅުވީ ދިވެހި ބޭހަށް ބޭނުންވާ ތަކެތި ރާއްޖެ އެތެރެކުރާއިރު ކަސްޓަމްސް އިން ހިފަހައްޓަނީ އެ ތަންތަނުގައި ތިބޭ މީހުންނަށް އެއީ ކޯންޗެއްކަން ނޭނގޭތީ ގާނޫނީ ހުރަސްތަކެއް ހުރުމުން ކަމަށެވެ.

އެހެންވެ މުހައްމަދު އަބްދުﷲ އެދިވަޑައިގަތީ ލައިސަންސް އޮންނަ މީހުންނަށް ނުވަތަ ކްލިނިކްތަކަށް ދިވެހި ބޭސްވެރިކަމަށް ބޭނުންވާ ތަކެތި އެތެރެ ކުރެވޭނެ މަގު ފަހިކޮށްދިނުމެވެ.

ރާއްޖޭގައި މިހާރު ދިވެހި ބޭސްވެރިކަމުގެ ކޯސްތަކެއް ކުރިއަށް ގެންދާކަން ފާހަގަކުރައްވައި މުހައްމަދު އަހްމަދު ވިދާޅުވީ އެފަދަ ކޯސްތަކުގެ ބައިވެރިންނަށް އޮތް އެންމެ ބޮޑު ދައްޗަކީ ކިޔަވައިގެން ވަޒީފާ އަދާކުރަން ފުރުސަތު ނެތުން ކަމަށެވެ.

"އެންމެ ކުޑަމިނުން ރިސޯޓަކުންވެސް ތެޔޮދަމާ ވަޒީފާވެސް ނުލިބޭ،" މުހައްމަދު އަހުމަދު ބުންޏެވެ.

ދިވެހި ބޭސްވެރިންގެ ޖަމިއްޔާ އޮތީ ދިވެހި ބޭސް ކުރިއެރުވުމަށް ކުރެވެން ހުރިހާ ކަމެއް ކުރުމުގެ އަޒުމުގަ އެވެ. އެ ޖަމިއްޔާ އިން އެދެނީ ދިވެހި ބޭސްވެރިން އެ ޖަމިއްޔާއާ ގުޅުމަށެވެ. އެ ޖަމިއްޔާ އިން ދެނީ ދިވެހި ބޭސްވެރިންގެ ދަތިތަކަށް ހައްލު ހޯދުމަށް ޖަމިއްޔާގެ ފެންވަރުގައި ކުރެވެން ހުރި ކަންކަން ކޮށްދޭނެ ކަމުގެ ޔަގީންކަމެވެ.