(3 ޖޫން 2025 އާ ގުޅޭ )
"އެކަމަކު އަހަރެންގެ ހުރިހާ ވަގުތެއް ވާކިފްއާއެކު ހޭދަކުރީ ލޯބިން. ވާކިފްދެކެ ވަރަށް ލޯބިވޭ." ސަހާނާއަށް ގިސްލާ ރޮވިއްޖެ އެވެ.
"އަހަރެންނަށް މަޢާފުކޮށްދީބަލަ. އަހަރެން ރަހާއާ ބައްދަލުކުރަން އައީމަކަން އެނގޭ މިހެންމިވީ. ޕްލީޒް ވާކިފް. އަހަރެންދެކެ ފޫހިނުވެބަލަ. އަހަރެންގެ އެކައުންޓުގައި ވާކިފް ދީފައި ހުރި އެއްވެސް ފައިސާއެއްގައި ނުޖެހެން. އަހަރެން މީ ފައިސާ ބޭނުންވެގެން އުޅޭ މީހެއްނޫން." ގިސްލަމުން ހުއްޓިހުއްޓިފައި ސަހާނާ ވާހަކަދައްކަމުން ދިޔަ އެވެ.
"އަހަރެންނަށް... އަހަރެންނަށް އެނގޭ ވާކިފްއާ ދިމާވިއިރު ވެސް ތީ މީހެއްގެ ފިރިއެއްކަން. އެހެންވިޔަސް އަހަރެން ހީކުރީ ވާކިފްގެ އަނބިމީހާއަށްވުރެ އަހަރެން ހުރިހާ ގޮތަކުން ވެސް ރަނގަޅުވީމައޭ އަހަރެންނާ ވާކިފް ގުޅުން ބާއްވަން ފެށީ. އަނބިމީހާއަށް ވުރެ އަހަރެންގެ ގާތުން ވާކިފް ހިތްހަމަޖެހޭތީއޭ އަންނަނީ... ވާކިފް. އަހަރެންނަކީ ވިޔާނުދާވެގެން އުޅޭ އަންހެނެއް ނޫން. އަހަރެމެން ދިމާވިއިރު ވެސް އެކަން ވާކިފަށް އެނގޭނެ. އަހަރެން އެއްފަހަރާ ތިން ހަތަރު ފިރިހެނުންނާ ރައްޓެހިވެގެން ނޫޅެން. ވާކިފްދެކެ ލޯބިވެވުން އެއީ އަހަރެންގެ ކުށެއްތަ؟. ދެމެދުގައި އޮތް ގާތްކަން ލޯތްބަށް ފުރުޞަތު ދިނީ... އަހަރެން ހީކުރީ ވާކިފްގެ އަނތްބެއް ހުއްޓަސް އަހަރެންނަށް ކައިވެންޏާ ހަމައަށް ވާކިފާއެކު ދެވިދާނޭ... ދެ އަނތްބަށް ވާކިފަށް އަހަރެންނާ ނީނދެވެންވީ ސަބަބެއް ނެތް."
"ތި ބަނދިވަރުތައް ހުއްޓާލަފާނަންތަ؟. އަހަރެންގެ ފަހަތުން ދުވިޔަސް ސަހާނާއަށް އަހަރެންނެއް ނުލިބޭނެ. އަހަރެން ވެސް ސާފު އިބާރާތުން މިބުނަނީ ރަހާ ނޫން އަނތްބަކު އަހަރެންގެ ނުހުންނާނެ. ހޯދުމުގެ ވިސްނުމެއް ވެސް ނެތޭ..." ސަހާނާގެ ވާހަކަ ހުއްޓުވަމުން ވާކިފް ބުންޏެވެ.
"އަހަރެން މިވަރަށް އާދޭސްކުރާއިރު ވާކިފްގެ ހިތަށް ހަމަ އެކައްޗެއް ވެސް ނާރާތަ؟. އަހަރެންނާއެކު ވާކިފް ނުކުރަނީ ކޮންކަމެއް... ކައިވެނީގެ ނަން ނެތްކަން. އެކަމަކު އުޅެމުން އައީ ދެމަފިރިންހެން ނޫންތަ؟. އަހަރެން ކިހިނެއް އެ ހަނދާންތަކާ ދުރަށްދާނީ. ވާކިފްދެކެ އަހަރެން ލޯބިވާއިރު އަހަރެންގެ ހަށިގަނޑުގައި ވާކިފް ބީހުނު ކޮންމެ ބީހިލުމެއް މުޅި އުމުރަށް އަހަރެންގެ ހަނދާނުގައި ވާނެކަން ޔަޤީން. އަހަރެންނަށް ހާދަ އުނދަގުލޭ ވާކިފާ ދުރުގައި ހުންނަން." ސަހާނާ ގިސްލަމުން ވާހަކަދެއްކި އެވެ.
"އިހަށް މިތަނުން ދޭ. އަހަރެންނަށް މިދުވަސްކޮޅު ވަގުތު ދެވޭކަށްނެތް. އަހަރެން ފްރީވީމަ އިތުރަށް މިކަމާ ވާހަކަދެއްކިދާނެ." ވާކިފް ބުންޏެވެ. އޭނާއަށް ވިސްނުނު ގޮތުން ސަހާނާ ފޮނުވާލެވޭނެ ގޮތަކީ އެއީ އެވެ. ހަޤީޤަތަކަށް ނުވިޔަސް ކޮންމެވެސް ކަހަލަ އުންމީދުގެ ބަހެއް ބުނެލައިގެން ސަހާނާ ހިތްހަމަޖެއްސުމެވެ. ކަންތައްވީ ވެސް ވާކިފް ހީކުރި ގޮތަކަށެވެ. ރޮމުންދިޔަ ސަހާނާ ވަގުތުން ދެ ލޯ ފުހެމުން ވާކިފަށް ބަލާލީ އުންމީދީ ނަޒަރަކުންނެވެ.
"ފަހުން ވާހަކަދައްކާނަންތަ؟. އެންމެ ރަނގަޅު... ވާކިފްއަށް އަހަރެން އިންތިޒާރު ކުރާނަން. އަހަރެންގެ ކައިރިޔަށް އަންނާނެ އިރަކަށް އިންތިޒާރު ކުރާނަން." ސަހާނާ ބުންޏެވެ. ކަރުނައިގެ ތެރެއިން ސަހާނާގެ ތުންފަތް ދެމިލި އެވެ.
"އިހަށް ދޭ." ވާކިފް އަނެއްކާ ވެސް ބުނެލި އެވެ. ސަހާނާ ބޯޖަހާލާފައި ކަރުނަތައް މޫނުން ފުހެމުން ސިޑިން ފައިބަން ހިނގައިގަތެވެ. އޭނާ ލޯ މަތިން ގެއްލުމާއެކު ވާކިފް އަވަހަށް އެޕާޓްމެންޓްގެ ދޮރު ހުޅުވާލައި ހަލުވިކޮށް އެތެރެއަށް ވަދެއްޖެ އެވެ.
ދޮރޯށިން ނުކުމެ ސަހާނާ މަގުމައްޗަށް ބަލާލި އެވެ. ދަންވަރުގެ އެވަގުތު އެކަނިދިއުމާމެދު އޭނާ ދެ ފިކުރެއްގައި ހުއްޓެވެ. އިރުކޮޅަކު މަޑުކޮށްލާފައި ސަހާނާ ހިނގައިގަތީ އެވެ. ދުރުން ބާރު ދުވެލީގައި އަންނަ ސައިކަލުތަކެއްގެ އަޑު އިވެމުންދިޔަ އެވެ. ސަހާނާ މަގުގެ ކަންމަތިން އަޅަން ދިމާކުރި ހިނދު އޭނާގެ ލޮލަށް އެޅިގެން ދިޔައީ ގަދަ އައްޔެވެ. ކުއްލިއަކަށް މީހާ ވިއްސައިގެން ގޮސް ތަނެއްގައި ޖެހުނުކަން ސަހާނާއަށް އެނގެ އެވެ. ދެންވީ ގޮތެއް އޭނާއަކަށް ނޭނގެ އެވެ. މީހާ ވަގުތުން ޚަބަރު ހުސްވެ އަބަދުގެ އަބަދަށް ދެ ލޯ މަރާލީ އެވެ.
ޖެހިގެން އައި ދުވަހު ސަހާނާގެ މަރުގެ ޚަބަރު ވާކިފްގެ ކަންފަތާ ހަމައަށް ފޯރީ ހެނދުނު އޮފީހަށް ދިޔަ ވަގުތެވެ. މެންދުރު ނަމާދުގެ ފަހުން ހުޅުމާލޭ ސަހަރާގައި ސަހާނާގެ ހަށިގަނޑު ވަޅުލުމުގެ ކަންކަން ކުރިޔަށް ދާނޭކަން ވާކިފަށް އެންގީ އޭނާގެ އެސިސްޓެންޓް އާޒިމް އެވެ. އެ ވާހަކަތައް އިވިފައި ވާކިފް ގަބުއަރާފައި އެތައް އިރަކު އިނެވެ. ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ސަހާނާގެ ފުރާނަ ގެއްލި ޖެހުނު ސައިކަލު ދުއްވަން އިން ޒުވާނާ އޮތީ އައި.ސީ.ޔޫގަ އެވެ. ވާކިފް އިތުރަށް މާޔޫސްވީ އެވެ. ސަހާނާ ކުއްލިއަކަށް ވަކިވެގެން ދިއުމުން އޭނާ ރަހާއާ މެދު އިތުރަށް ހާސްވީ އެވެ. ދުނިޔޭގެ ހަޔާތަކީ ކިހާ ކުރު އެއްޗެއްކަން ސަހާނާގެ ކުއްލި މަރު ވާކިފަށް ބުނެދީފި އެވެ. ކުއްލިއަކަށް ރަހާ ވަކިވެގެން ހިނގައިދާނޭ ކަމުގެ ބިރު އޭނާގެ ހިތުތެރޭ ބޮޑުވީ އެހެންވެ އެވެ.
މެންދުރު ސަހާނާގެ ކަށުނަމާދުގައި ބައިވެރިވާން ވާކިފް ސަހަރާއަށް ދިޔަ އެވެ. އެއީ އޭނާއާއި ސަހާނާގެ އެންމެފަހުގެ ބައްދަލުވުމެވެ. ވާކިފް ބޭނުންވީ ސަހާނާއާ އެއްކޮށް ގުޅުން ކަނޑާލާށެވެ. އެއްގޮތަކުން އޭނާ ބޭނުންވީ ކަންތައް ފުދުނީ އެވެ. ދެން ދުވަހަކުވެސް އޭނާއަށް އުނދަގޫކޮށް ފަހަތުން އާދޭސް ކުރާކަށް ސަހާނާއެއް ނާންނާނެ އެވެ.
"ވަޓް ހޭވް އައި ޑަން... ރަހާއަށް ބޭވަފާތެރިވީއިރު ސަހާއާމެދު ވެސް އަހަރެން ކަންތައް ކުރީ ރަނގަޅަކަށްނޫން. އެތަނުން އެކަކުގެ މައްޗަށް ވެސް އަހަރެން އިންސާފުވެރިއެއް ނުވެވުނު. އައި އޭމް ސޮރީ. އަހަރެންނަށް މަޢާފް ކޮށްދީ." ސަހަރާއިން ނުކުމެގެން އައި ވާކިފްގެ ހިތުގައިވި އެވެ. އޭނާ ސަހާނާއާއި ރަހާގެ ގާތުން ވެސް މަޢާފަށް އެދެން ބޭނުމެވެ. އެހެންވިޔަސް ސަހާނާގެ ކައިރިން ދެން އެ ފުރުޞަތެއް އޭނާއަށް ލިބުމެއްނެތްކަން އެނގެ އެވެ.
* * * * *
ރޭގަނޑުގެ ވަގުތެވެ. އޮފީހުގައި އުޅެނިކޮށް ލިބުނު ސިޓީއުރަ ހިފައިގެން ގެއަށް އައިސް ވާކިފް އެއީ ކޯއްޗެއްތޯ ބަލާލީ އަދިކިރިޔާ އެވެ. ސޯފާގައި އިށީނދެގެން އިން ވާކިފްއަށް ސިޓީ އުރައިގައި އޮތް ކަރުދާސް ފެނުނު ހިނދު ބަލަން އިނދެވުނީ ޤަބޫލުނުކުރެވިފަ އެވެ. އެތައް އިރަކު އެއަށް ބަލަން އިނދެފައި ކުރިމަތީ ހުރި ކޮފީ މޭޒު މައްޗަށް އެ ކަރުދާސް ދޫކޮށްލައިފި އެވެ. އަދި ހަށިގަނޑު ސޯފާއަށް ދޫކޮށްލުމާއެކު ދެ އަތުން ބޮލުގައި އޭނާ ހިފަހައްޓާލީ އެވެ. މުޅި ދުނިޔެ އެނބުރިގަތްހެން އޭނާއަށް ހީވީ އެވެ.
"ކީއްވެ ރަހާ؟." ވާކިފްއަށް ބުނެވުނެވެ.
"ނުކުރާނަން ވަރިއެއް." ދެވަނަ ސުކުންތުގައި ވާކިފް މިހެން ބުނެލީ ދެބުމަ ގޮށްޖަހާލައިގެން އިނދެ އެވެ.
ވަރިއަށް އެދި ކޯޓަށް ރަހާ ފޯމު ލާފައިވާކަން ވާކިފްއަށް އެންގީ ރަހާގެ ފަރާތުން ހުރި ވަކީލެވެ. ދެ ދުވަސް ތެރޭ ކޯޓަށް ހާޟިރުވާން އޭނާއަށް އަންގާފައި އޮތެވެ. ދުވަހަކުވެސް ރަހާއަށް އޭނާއާ ވަކިވާން ކެރިދާނޭ ވާކިފްގެ ހިތަށް ވެސް ނާރަ އެވެ. އެހެންވެ ލިބުނު ސިހުން ބޮޑުވެފައި އޭނާގެ ސިކުނޑި އެކި ކަހަލަގެ ޚިޔާލުތަކުން ފުރިގެން އައެވެ. ރަހާގެ ބަލި ހާލު ހިތަށް އެރުމުގެ ބަދަލުގައި ވާކިފްއަށް ވިސްނުނީ މުޅީން އެހެން ކަމަކާ އެވެ. އޭނާއަށްވުރެ ރަނގަޅު ގޮތެއް ރާހާއަށް ފެނުނީ ކަމުގައި ވާކިފަށް ޤަބޫލުކުރެވެނީ އެވެ. އެ ރަނގަޅު ގޮތަކީ ޒަރަކް ކަމުގައި ވެސް އޭނާ ހީކުރި އެވެ.
ރަހާއާ ބައްދަލުކުރާން ބޭނުންވީ ނަމަވެސް ވާކިފަށް އޭނާ ހުރި ތަނެއް ނޭނގޭތީ އެކަން ވާގޮތެއް ނުވީ އެވެ. އެހެންވެ ވާކިފްއާއި ރަހާ ބައްދަލުވީ ކޯޓުންނެވެ. ދެފަރާތުގެ ވާހަކަތައް ގާޟީއާ ހަމައަށް ހުށަހެޅިއިރު ރަހާގެ ފަރާތުން ވަކާލާތު ކުރަމުން ދިޔައީ އޭނާގެ ވަކީލެވެ. ރަހާގެ ނަޒަރު އެއްފަހަރު ވެސް ވާކިފާ ދިމާއަށް ދަތުރުކޮށް ނުލަ އެވެ. އެއާ ޚިލާފަށް ވާކިފަށް އިރުއިރުކޮޅުން ބެލެނީ ރަހާ އަށެވެ. އޭނާ ހީކޮށްގެން ހުރީ ކޯޓަށް ވެސް އަންނާނީ ޒަރަކްއާ އެކީ ކަމަށެވެ. ނަމަވެސް ރަހާއާއެކު އޭނާގެ ވަކީލު ނޫން އެއްވެސް މީހަކު ވާކިފް ނުދެކެ އެވެ.
"އަޅުގަނޑު ރަހާ ވަރިކުރާކަށް ބޭނުމެއްނޫން. ރަހާ އެހާ ބަލިކަން އެނގޭއިރު އަދިއަމުދުން އޭނާ ދޫކޮށްލާކަށް ބޭނުމެއްނޫން. އަޅުގަނޑަށް އެނގޭ ރަހާއަށް އަޅާލާނޭ މީހަކު އަޅުގަނޑު ނޫނީ ނެތްކަން. ރަހާ ކިތަންމެ ބައްޔަސް އަޅުގަނޑު މިހުރީ ރަހާއާއެކީ ދިރިއުޅުން ކުރިޔަށް ގެންދަން. ރަހާ ނޫން އިތުރު އަނތްބަކު ހޯދުމުގެ ވިސްނުމެއް ވެސް އަޅުގަނޑުގެ ނެތް. އެކަމާ ރަހާ ކަންބޮޑުވާކަށް ނުޖެހޭނެ. އަޅުގަނޑަށް ހެދިފައި ހުރި ގޯސްތަކަށް ރަހާގެ ކިބައިން މަޢާފަށް އެދެން. ކުރިޔަށް އޮތްތަނުގައި އަޅުގަނޑު ރަހާއާމެދު ފަރުވާކުޑަ ނުކުރާނަންކަން ވަޢުދުވަން."
ވާކިފްގެ ވާހަކަ އިވިފައި ފުރަތަމަ ފަހަރަށް އިސްއުފުލައި ރަހާއަށް ފިރިމީހާއާ ދިމާއަށް ބަލާލެވުނެވެ. އޭނާގެ ދެ ލޮލުގައި ބޮނޑިވަމުން އައި ކަރުނައިގެ ތެރެއިން ވާކިފްގެ ސޫރަ ފެނުނީ ފުސްކޮށެވެ. އަތުގައި އޮތް ޓިޝޫކޮޅުން ރަހާ ދެ ލޯ ފުހެލި އެވެ. އެއާއެކު އޭނާއަށް ވާކިފްގެ މޫނުގައިވީ އަސަރުތައް ސާފުކޮށް ފެނުނެވެ. ވާކިފްގެ ދެ ލޮލުން ބުނެދެމުންދިޔައީ އޭނާ ރަހާ ދޫކޮށްލަން ބޭނުންނުވާކަމެވެ. އެ ބެލުން ތަރުޖަމާކުރާން ރަހާއަށް ކުޑަކޮށް ވެސް ދައްޗެއް ނުވި އެވެ. އެހެންނަމަވެސް ރަހާގެ ހިތް އެގޮތާ އެއްބަހެއްނުވި އެވެ. އޭނާ ވާކިފްއަށް ވަރަށް ގިނަ ފުރުޞަތު ދީފި އެވެ. އެކި ފަހަރު މަތިން ވާކިފް ވަނީ ރަހާގެ ހިތް ހަލާކުކޮށް ރޮއްވާލައިފަ އެވެ. ލޯތްބަށް ޓަކައި ރަހާ ނުހަނު ކެތްކޮށްފި އެވެ. އަދިވެސް ހިތުގައި ވާކިފަށް ޓަކައި ލޯބި އެބައޮތެވެ. އެހެންނަމަވެސް އެ ލޯބިން ރަހާއަށް ހިތްހަމަޖެހުމެއް ނުލިބުނެވެ.
ފުރަތަމަ އަޑު އެހުމުން ޤާޟީ ވަކިގޮތެއް ނުނިންމައި ދެ މަފިރިން ފޮނުވާލީ އެވެ. ދެމެދުގައި ވާހަކަދައްކައިގެން އަދިވެސް ކައިވެނި ސަލާމަތްކުރެވިދާނޭކަމަށް ނަޞޭޙަތްތެރިވެފަ އެވެ. ވަރި ވާންޖެހޭނީ އެންމެފަހުގެ ކަމަކަށްކަން ބުނެދީފަ އެވެ. އެހެންވިޔަސް ވާކިފްއާ ބައްދަލުކޮށް އިތުރަށް ވާހަކަދެއްކުމުގެ ވިސްނުމެއް ރަހާގެ ނެތެވެ. އެހެންވެ ވަކީލާއެކު ރަހާ ކޯޓުން ނުކުންނަން ހިނގައިގަތެވެ.
ދުރުގައި އޮތް ޕްރައިވެޓް ކާރަށް ވަކީލާއެކު ރަހާ އަރަން އުޅެނިކޮށް ކުއްލިއަކަށް އޭނާގެ އަތުގައި ހިފައި މީހަކު ހުއްޓުވައިފި އެވެ. ރަހާ ބަލާލި އިރު އަތުގައި ހިފައިގެން ނުހަނު ގާތު ހުރީ ވާކިފެވެ. ވަކީލު އެއްޗެއް ބުނަން އުޅުނު ހިނދު ވާކިފް އޭނާއަށް ވައަތްތިލަ ދައްކާލައި އިޝާރާތްކޮށްލި އެވެ.
"އަދި ވަރިއެއްނުވޭ... މީ އަހަރެންގެ އަނބިމީހާ. ދެމަފިރިން ދޭތެރެއަށް ވަންނަން ނުހަދާ." ވަކީލާ ދިމާއަށް ވާކިފް ބުންޏެވެ.
"ވާކިފް. ދޫކޮށްލާ." ރަހާ މަޑުމަޑުން ބުންޏެވެ.
"ނުކުރާނަން ދުލެއް. ހިނގާ ގެއަށް. އަހަރެމެންގެ ގެއަށް." ރަހާއާ ނަޒަރު ސީދާކޮށްލަމުން ވާކިފް ބުންޏެވެ.
(ނުނިމޭ)