ޑޮނަލްޑް ޓްރަމްޕް

ޓްރަމްޕާއި މަސްކްގެ ގުޅުން ނިމި އިންޒާރު ދެނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ޓެކްނޮލޮޖީ ދާއިރާގެ ބިލިއަނަރު އަދި މިވަގުތު ދުނިޔޭގައިވެސް ހުންނެވި އެންމެ ބޮޑު މަހުޖަނު އީލޮން މަސްކްއާ ދެމެދު އޮތް ގުޅުން ނިމުމަކަށް އައިސް، ދެ ބޭފުޅުން ބަހުގެ ހަމަލާތައް ބަދަލުކުރައްވައި މަލާމާތް ކުރަން ފައްޓަވައިފި އެވެ.

ޢެމެރިކާގެ ބޮޑެތި މީޑީއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޓްރަމްޕާއި މަސްކްގެ ދެމެދުގައި އޮތް ގާތް ގުޅުން މިހާރު ވަނީ ނިމުމަކަށް އައިސްފަ އެވެ.

ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މަސްކް ވަނީ ޓްރަމްޕްގެ ސަރުކާރުން ހުށަހަޅާފައިވާ ހަރަދު ބިލާ ދެކޮޅަށް ތަކުރާރުކޮށް ވާހަކަދައްކަވާފަ އެވެ. އަދި ބުރާސްފަތި ދުވަހު އޮވަލް އޮފީހުގައި ޖަރުމަނުގެ ލީޑަރާ ބައްދަލުކުރެއްވުމަށްފަހު ޓްރަމްޕްވެސް ވަނީ މަސްކްއަށް ފާޑުވިދާޅުވެފަ އެވެ.

މަސްކް. އޭނާގެ އަމިއްލަ ސޯޝަލްމީޑިއާ ޕްލެޓްފޯމް -- އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މަސްކް ވަނީ އެމެރިކާގައި މިހާރުވެސް ކުރިއަށްދާ މަޝްހޫރު ތަހުގީގެއް ކަމަށްވާ ޖެފްރީ އެޕްސްޓީންގެ މައްސަލައާއި ޓްރަމްޕާ ގުޅުވާ ވާހަކަދައްކަވާފަ އެވެ.

މަސްކްގެ ތުހުމަތާ ގުޅިގެން ޓްރަމްޕް ވަނީ މަސްކް "ބުއްދިފިލައި ހިނގައްޖެ" ކަމަށް ވިދާޅުވެ މަސްކް ސަރުކާރުން ވަކިކުރެވުނީތީ ހިތްހަމަޖެހުން ފާޅުކުރައްވާފަ އެވެ. އަދި މަސްކްގެ ކުންފުނިތަކާއެކު ސަރުކާރުން ވެފައިވާ އެއްބަސްވުންތައް ބާތިލްކުރައްވާނެ ކަމުގެ އިންޒާރުވެސް ދެއްވެވި އެވެ.

ޓްރަމްޕްގެ އިންޒާރާ ގުޅިގެން މަސްކްގެ ކުންފުނި -- ޓެސްލާގެ ހިއްސާގެ އަގު ވަނީ 14 އިންސައްތަ ދަށަށް ގޮސް، ކުންފުނީގެ އަގު އެއް ޓްރިލިއަން ޑޮލަރަށް ވުރެވެސް ދަށަށް ގޮސްފަ އެވެ.

ޓްރަމްޕްއާއި މަސްކްގެ ހަމަނުޖެހުން ފެށުނީ ފާއިތުވި ހަފްތާގެ ތެރޭގައި މަސްކް ސަރުކާރުގެ މަޤާމުން ވަކިވެވަޑައިގެންނެވި ހިސާބުންނެވެ. މަސްކް، ސަރުކާރުގައި އަދާކުރަމުން ދިޔަ މައިގަނޑު މަސައްކަތަކީ އެމެރިކާ ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތައް އެޅުއްވުމުގެ މަސައްކަތްތަކެވެ.