ރާއްޖޭގައި އުފެދުނު އެންމެ ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާ ގުޅުމުން އޭނާގެ ތަޖުރިބާއާއި ހުނަރުވެރިކަމުން ޒުވާން ކުޅުންތެރިންނާ އެކު ނިއުރޭޑިއަންޓް ދެން ފެންނާނީ މާވަރުގަދަ ޓީމެއްގެ ގޮތުގައި ކަމަށް ނިއުގެ ޗެއާމަން އަހްމަދު މުބީން ވިދާޅުވެއްޖެ އެވެ.
މުބީން ވިދާޅުވީ އަޝްފާގު ނިއުރޭޑިއަންޓުގައި ހިމެނުމަކީ ހަމައެކަނި އެ ކުލަބަށް ލިބުނު ފަހުރެއް ނޫން ކަމަށާއި އެއީ ރާއްޖޭގެ ފުޓްބޯޅަ އާއިލާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
”އަޅުގަނޑުމެން ފުޓުބޯޅައަށް ލޯބިކުރާ މި ކުޅިވަރަށް ސަޕޯޓް ކުރާ އެންމެން މިތިބީ އަޝްފާގުގެ ކުޅުން ފެނުމަށް ވަރަށް ބޮޑަށް ކެތްމަދުވެފައި. އެދުވަސް ވަނީ އިރާދަކުރެއްވިއްޔާ ވަރަށް ކައިރީގައި،“ މުބީން ވިދާޅުވި އެވެ.
ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ހަޔާތުގައި ކަޅު ދުވަސްތަކަކަށްފަހު މިއަދު މިތިބެވެނީ ކޮންމެވެސް ވަރަކަށް ދިރުމެއް ލިބޭ ހިސާބަކަށް އާދެވިފައި ކަމަށްވެސް މުބީން ވިދާޅުވި އެވެ.
އުމުރުން 39 އަހަރުގެ ރާއްޖޭގެ ކުރީގެ ގައުމީ ކެޕްޓަން އަޝްފާގު އެންމެ ފަހުން ގަލޮޅު ދަނޑުގައި ކުޅުނީ 2023 ވަނަ އަހަރުގެ ސީޒަނުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށެވެ. އެ ޓީމަށް ދެ މެޗު ކުޅެދިނުމަށްފަހު އަނިޔާގެ ސަބަބުން އޭނާ ދަނޑުން ފެނިފައެއް ނުވެ އެވެ.
ކަކުލުގެ އޮޕަރޭޝަން ކުރުމަށްފަހު މިހާރު އަޝްފާގު އަންނަނީ ފިޓް ވަމުންނެވެ. މިފަހުން އަތޮޅު ތެރޭގެ މުބާރާތްތަކުންވެސް އޭނާ ފެނިފައިވެ އެވެ.
ކުރީގެ ޑިފެންޑަރު ސޮބާހް މުހައްމަދުގެ އިރުޝާދުގެ ދަށުން ފުރަތަމަ ޑިވިޝަނަށް ކޮލިފައިވުމަށް މަސައްކަތް ކުރާ ނިއު އަށް ކުޅެން ދަގަނޑޭ ނިންމިއިރު މިއީ އޭނާ ދެވަނަ ޑިވިޝަނުގައި ކުޅޭނެ ފުރަތަމަ ފަހަރަށް ވާނެ އެވެ.
ދެހާސް އެއްވަނަ އަހަރު ވެލެންސިއާއިން ކެރިއަރު ފެށި ދަގަނޑޭ ވަނީ ތިން ފަހަރެއްގެ މަތީން ނިއު އަށް ކުޅެފަ އެވެ. އަދި އޭނާ ވަނީ 2012 ވަނަ އަހަރު ނިއުގެ ކެޕްޓަންކަން ވެސް ކޮށްފަ އެވެ.