ޔުނައިޓެޑް ނޭޝަންސް އޯޝަންސް ކޮންފަރެންސްގެ ތިންވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ފްރާންސަށް ފުރާވަޑައިގެންފި އެވެ.
ފްރާންސްގެ ނީސްގައި މިމަހުގެ 9 އިން 13 އަށް ކުރިއަށްދާ ކޮންފަރެންސްގައި މިނިސްޓަރު ޝިޔާމު ތަގުރީރު ކުރައްވާނެ އެވެ.
ވަޒީރުގެ ވާހަކަފުޅުގައި ރާއްޖޭގައި ކުރާ ދެމެހެއްޓެނިވި މަސްވެރިކަން ފާހަގަކުރައްވައި، ރާއްޖެ ފަދަ ކުޑަ، ޖަޒީރާ ޤައުމަކުން ކަނޑުގެ ވެށި ޙިމާޔަތްކޮށް، ބެލެހެއްޓުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލާނެ ކަމަށާއި އަދި މިފަދަ މަސައްކަތްތަކުގައި ދިމާވާ ގޮންޖެހުންތައްވެސް ވަޒީރުގެ ވާހަކަފުޅުގައި ފާހަގަ ކުރައްވާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މި ކޮންފަރެންސްގެ އެކި ސެޝަންތަކުގައި ރާއްޖެއިން ބައިވެރިވާނެ ކަމަށެވެ. ރާއްޖެއިން ވަކާލާތު ކުރާނެ އެންމެ މުހިއްމު އެއް ކަމަކީ ކަނޑުގެ ނާޒުކު ވެށި ރައްކާތެރިކުރުމާއެކު ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރާ ގައުމުތަކުގެ މަސައްކަތްތައް މިހާރަށް ވުރެ ބޮޑަށް ބައިނަލްއަގްވާމީ ދުނިޔެއިން ބަލައިގަތުމާ ގުޅޭގޮތުން ކަމަށެވެ.
ވަކިން ހާއްސަކޮށް ތިމާވެއްޓާއި ކަނޑުގެ ވަސީލަތްތައް ރާއްކާތެރިކުރުމަށް ބައިނަލްއަގްވާމީ ގޮތުން ކަނޑައެޅޭ ފަންޑު އިތުރުކުރުމުގެ މުހިއްމު ކަމާއި، މިފަދަ ފަންޑުތައް މެދުވެރިކޮށް އެހީ ފޯރުކޮށްދިނުމުގައި ރާއްޖެ ފަދަ ތިމާވެށީގެ ގޮތުން ނާޒުކު ގައުމުތަކާއި، ތިމާވެށި ރައްކާތެރިކުރުމަށާއި ދެމެހެއްޓެނިވި ގޮތުގައި ކަނޑުގެ ވަސީލަތްތައް ބޭނުންކުރުމަށް އެކަށީގެންވާ ފިޔަވަޅުތައް މިހާރުވެސް އަޅައި ތަންފީޒުކުރަމުންދާ ގައުމުތަކަށް ހާއްސަ އިމްތިޔާޒްތަކެއް އޮންނަ ނިޒާމެއް ގާއިމުކުރުމާ ގުޅޭގޮތުންވެސް ރާއްޖެއިން ވަކާލާތު ކުރުމަށް ހަމަޖެހިފައިވެ އެވެ.