ބަންގްލަދޭޝް

ކޯޓުގެ ހުރުމަތް ކަނޑައިގެން ބަންގްލަދޭޝްގެ ދެ މިނިސްޓަރަކު ޖޫރިމަނާ ކޮށްފި

ކޯޓުގެ ހުރުމަތް ކަނޑާލި ކަމުގެ ދައުވާ ސާބިތުވެ ބަންގްލަދޭޝްގެ ދެ މިނިސްޓަރުން ޖޫރިމަނާކޮށްފި އެވެ.

ބަންގްލަދޭޝްގެ ސުޕްރީމް ކޯޓުން އެ ގައުމުގެ ފުޑް އެފެއާޒް މިނިސްޓަރު ގަމްރުލް އިސްލާމް އަދި ލިބެރޭޝަން ވޯ އެފެއާޒް މިނިސްޓަރު އޭކޭއެމް މުޒައްމިލް ހައްގުގެ މައްޗަށް ވަނީ ހަތް ދުވަހުގެ ތެރޭގައި 50،000 ޓާކާ ނުވަތަ 638 ޑޮލަރު ދެއްކުމަށް ހުކުމްކުރީ މިމަހުގެ ކުރީކޮޅު އުއްތަމަ ފަނޑިޔާރު އެސްކޭ ސިންހާ އަށް ފާޑުވިދާޅުވުމުން ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މިނިސްޓަރު ގަމްރުލް އިސްލާމް އަދި މިނިސްޓަރު މުޒައްމިލް ހައްގު ވަނީ ހަނގުރާމައިގެ ޖަރީމާ ހިންގި ކަމުގެ ކުށުގައި މަރަން ހުކުމްކޮށްފައިވާ އިސްލާމިސްޓް ލީޑަރެއްގެ އިސްތިއުނާފް މައްސަލައިގެން އުއްތަމަ ފަނޑިޔާރު ދުރުވުމަށް ގޮވާލައިގެންނެވެ. މިކަމާ ގުޅިގެން ސުޕްރީމް ކޯޓުން ބުނީ އެއީ ޖުޑީޝަރީއަށް ނުފޫޒުފޯރުވާން ކޮށްފައިވާ މަސައްކަތެއް ކަމަށް ބަލާފަ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައި އިތުރަށް ބުނެފައިވަނީ ހަތް ދުވަހުގެ ތެރޭގައި ޖޫރިމަނާ ފައިސާ ނުދައްކައިފި ނަމަ ޖަލުގައި ބަންދުކުރާނެ ކަމަށެވެ. މިހުކުމާއި ގުޅިގެން އެ ދެ މިނިސްޓަރުންގެ މަގާމު ގެއްލޭނެތޯ ބެލުމަށް އެޓާނީ ޖެނެރަލް މަހްބޫބޭ އާލަމް މިހާރު ދިރާސާ ކުރަމުންދާ ކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ.