މޫސުން

ހޯމަ ދުވަހުން ފެށިގެން ފަސް ދުވަހަށް މޫސުން ގޯސްވާނެ

ކުރިއަށް އޮތް ހޯމަ ދުވަހުން ފެށިގެން ފަސް ދުވަހަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ -- މެޓް އޮފީހުން ބުނީ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވަމުންދާތީ ހޯމަ ދުވަހުން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހަސް ރާއްޖޭގެ ސަރަހައްދަށް އާންމުކޮށް، ވައިބާރުވެ ކަނޑުތައް ގަދަވެ، ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އާންމު ގޮތެއްގައި ގަޑިއަކު 13 މޭލާއ 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލާއި 45 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވަވާނެ ކަމަށްވެސް ލަފާކޮށްފައިވެ އެވެ. އަދި މޫސުން ގޯސްވާ ވަގުތުތަކުގައި ކަނޑުތައް ގަދަވެ، ދިޔަވަރު ބޮޑުވާއިރު ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރާނެ ކަމަށްވެސް ބުންޏެވެ.

ކުރިއަށް އޮތީ މޫސުން ގޯސް ދުވަސްކޮޅަކަށް ވާތީ ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފައިވެ އެވެ. އަދި ގަދަވަޔާއެކު ބޯކޮށް ވާރޭ ވެހޭނެތީވެ ކުރިމަތިވެދާނެ ނުރައްކަލަކުން ސަލާމަތްވުމަށާއި، ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްވެސް މެޓް އޮފީހުން އެދިފައިވެ އެވެ.