ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ސައުދީ އަރަބިއްޔާގެ ވަލީއަހްދު އަދި ބޮޑުވަޒީރު ޕްރިންސް މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސުއޫދާ ބައްދަލުކުރައްވައިފި އެވެ.
އަލް-މިނާ ޕެލަސްގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސަޢޫދީ ސަރުކާރުން ދެމުންދާ މެހުމާންދާރީއާއި އެއްބާރުލުމަށްޓަކައި އަދި އެންމެހައި ހައްޖާޖީންނަށް ފޯރުކޮށްދިން ފުރިހަމަ ހިދުމަތަށްޓަކައި، މާތްވެގެންވާ ދެ ހަރަމްފުޅުގެ ޚާދިމް އަދި ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްޢަޒީޒް އާލް ސުއޫދަށާއި ވަލީއަހްދަށް ޝުކުރު އަދާކުރައްވާފަ އެވެ.
ދިވެހިރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ. އެގޮތުން ދެ ގައުމުގެ މެދުގައި އޮންނަ އުޚުއްވަތްތެރި ގުޅުން، ދެ ގައުމަށްވެސް ފައިދާކުރާނޭހެން ބަދަހިކުރުމަށް ކުރެވިދާނޭ ކަންތައްތަކާ މެދު ދެ ބޭފުޅުން ހިޔާލު ބަދަލުކުރެއްވި އެވެ.
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ޗީފް އޮފް ޕްރޮޓޮކޯލް މުހައްމަދު ޝަހުދީ، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގަތެވެ.
މައްކާ ސަރަހައްދުގެ ޑެޕިއުޓީ ގަވަރުނަރު ޕްރިންސް ސުއޫދު ބިން މިޝްއަލް ބިން އަބްދުލްއަޒީޒް، ސްޕޯޓްސް މިނިސްޓަރު ޕްރިންސް އަބްދުލްއަޒީޒް ބިން ތުރުކީ ބިން ފައިސަލް ބިން އަބްދުލްއަޒީޒް، ހޯމް މިނިސްޓަރު ޕްރިންސް އަބްދުލްއަޒީޒް ބިން ސުއޫދު ބިން ނާއިފް ބިން އަބްދުލްއަޒީޒް، ނެޝަނަލް ސެކިއުރިޓީ މިނިސްޓަރު ޕްރިންސް ބަންދަރު ބިން އަބްދުލްއަޒީޒް، ޑިފެންސް މިނިސްޓަރު ޕްރިންސް ހާލިދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އަދި ފޮރިން މިނިސްޓަރު ޕްރިންސް ފައިސަލް ބިން ފަރްހާން ބިން އަބްދުﷲ، ސައުދީ އަރަބިއްޔާގެ ވަލީއަހްދުގެ އަރިހުގައި މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގަތެވެ.
ރައީސް މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު، މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ވަޑައިގެން މި ވަގުތު ތިއްބެވީ ސައުދީ އަރަބިއްޔާ ގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި، އަރިހުގައި ވަޑައިގެންނެވި މަތީފަންތީގެ ވަފުދު، އެ ގައުމުގައި ތިއްބަވަނީ ސަޢޫދީ ސަރުކާރުގެ ހާއްސަ މެހުމާނުންގެ ގޮތުގައެވެ.