މި އަހަރަކީ ހައްޖުގެ އިންތިޒާމުތައް އެންމެ ފުރިހަމަ އަހަރުކަމުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވި ގޮތުގައި ވޭތުވެދިޔަ އަހަރުތަކާ އަޅާބަލައިރު މި އަހަރަކީ ފުރިހަމަ އިންތިޒާމުތަކެއް ގާއިމުކޮށްފައިވާ އަހަރެކެވެ.
އެ ގޮތުން ހައްޖުވެރިންނާ ބައްދަލުވެ ދެކެވުނު ވާހަކަތަކުން ރަނގަޅު ހިދުމަތްތަކެއް ދެވޭކަން އެނގިވަޑައިގެންނެވި ކަމަށާއި ރަނގަޅުކުރަންޖެހޭ ބައެއް ކަންކަން ހާޖީން ހިއްސާކުރި ކަމަށް ޝަހީމް ވިދާޅުވި އެވެ.
ހައްޖުގެ އަޅުކަމުގެ ކަންކަން އިންތިޒާމުކުރަނީ ސައުދީ އަރަބިއްޔާގެ ސަރުކާރުންކަން ފާހަގަކުރައްވާ ޝަހީމް ވަނީ ރަނގަޅު ކުރެވެން ހުރި ކަންކަން ރަނގަޅުކޮށް ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
"އަޅުގަނޑުމެންގެ ކޮންޓްރޯލްގެތެރެއިން ރަނގަޅުކުރަންޖެހޭ ކަންކަން އިރާދަކުރެއްވިއްޔާ ރަނގަޅުކުރާނަން،" ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ޝަހީމް ވިދާޅުވި އެވެ.
ހައްޖުގެ އަޅުކަމުގައި މީގެ ކުރީ އަހަރުތަކުގައި ހާޖީންނަށް މަގު އޮޅުން ފަދަ ކަންކަން ދިމާވި ނަމަވެސް މި އަހަރު ދިވެހި ހާޖީއަކަށް އެފަދަ ކަމެއް ދިމާނުވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.