ރާއްޖޭގެ އެކި ހިސާބުތަކުން 200އެއްހާ މީހުން ރިމާންޑް ސެންޓަރުތަކަށް ނަގައި، ގިނަ ބަޔަކަށް ފަރުވާ ދޭން ފަށާފައިވާ ކަމަށް ނެޝަނަލް ޑުރަގު އެޖެންސީ (އެންޑީއޭ) އިން ބުނެފި އެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި އެންޑީއޭގެ ޗެއާޕާސަން ލުބްނާ ޒާހިރު ވިދާޅުވީ ރިމާންޑް ސެންޓަރަށް ނަގާފައިވާ މީހުންގެ ތެރެއިން 178 މީހަކަށް ފަރުވާ ދެމުންދާ ކަމަށެވެ.
ލުބްނާ ވިދާޅުވީ ފަރުވާއަށް ނުވެއްދި ތިބި މީހުން ފަރުވާ ނުވެއްދި ތިބީ ކްރިމިނަލް ކޯޓުގައި އެފަދަ ބައެއް މީހުންގެ މައްސަލަތަކެއް ހުރުމުން ކަމަށާއި އެ މައްސަލަތައް ނިމުމާއެކު އެމީހުންނަށްވެސް ފަރުވާ ދޭން ފަށާނެ ކަމަށެވެ.
މަގުމަތިން ރިމާންޑް ސެންޓަރުތަކަށް އާންމުކޮށް ނަގަނީ މަސްތުވާތަކެތި ބޭނުންކޮށްގެން މަގުތަކުގައި ގިނަވެގެން އުޅޭ މީހުންނެވެ. މީގެއިތުރުން އާންމު ގޭބިސީތަކުގައި މަސްތުވާތަކެތި ބޭނުންކޮށް މުޖުތަމައަށް އުދަނގޫވާ ގޮތަށް އުޅޭ މީހުންގެ ޝަކުވާ ލިބުމުން އެ މީހުންވެސް ރިމާންޑް ސެންޓަރުތަކަށް ގެންދެ އެވެ.
ސަރުކާރުން ވަނީ ތިން ރިހިބިލިޓޭޝަން ސެންޓަރެއް، ރިމާންޑް ސެންޓަރުތަކެއް ގޮތަށް ދާދި ފަހުން ބަދަލުވެސް ކޮށްފަ އެވެ. އެއީ ގދ. ތިނަދޫ ޑުރަގު ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރާއި ޏ. ފުވައްމުލަކު ޑުރަގު ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރުގެ އިތުރުން ސ. ހުޅުދޫ ވިލުނު ސެންޓަރެވެ.
މާލޭގެ މަގުތަކުގައި މަސްތުވާތަކެތި ބޭނުންކޮށް، ކުށްތަކަށް އަރައިގަންނަ މީހުން ރިމާންޑް ސެންޓަރުތަކަށް ގެންދަން ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރު 20 ވަނަ ދުވަހުން ފެށިގެންނެވެ.