ޑރ. މުހައްމަދު މުއިއްޒު

ކަނޑުތަކަކީ ދިވެހިންގެ ދިރިއުޅުމުގެ އަސާސެއް: ރައީސް

މޫސުމީ ނޭދެވޭ ބަދަލުތަކަށް ވިލުންތެރިކަން ހޯދެން އޮތީ އިގްތިސާދީ ފުދުންތެރިކަން އިތުރުކުރެވިގެން ކަމަށްވާތީ އެ އަމާޒަށް ވާސިލްވުމަށްޓަކައި ރާއްޖެއިން މިހާރުވެސް މުހިއްމު ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.


ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ބައިނަލްއަގްވާމީ ފެންވަރުގައި މިއަދު ފާހަގަކުރާ ދުނިޔޭގެ ކަނޑުތަކުގެ ދުވަހާ ގުޅިގެން ފޮނުއްވި މެސެޖުގައެވެ.

ރައީސްގެ މެސެޖުގައި ކަނޑުތައް ހިމާޔަތް ކުރަންޖެހޭކަން އެއީ ދިވެހިރާއްޖެއާއި ދިވެހި ރައްޔިތުން ގަބޫލުކުރާ ހަގީގަތެއް ކަމުގައި ވިދާޅުވި އެވެ. ކަނޑުތަކަކީ ދިވެހި ގައުމު ރައްކާތެރިކަމާއެކު ދެމިއޮތުމުގެ މުހިއްމު މަސްދަރެއް ކަމަށާ، ދިވެހި އިގްތިސާދުގެ ހަކަތައަކީވެސް އެއީ ކަމުގައި ވިދާޅުވި އެވެ.

"ދިވެހި ސަގާފަތް ބައްޓަންކުރުމުގެ އިތުރަށް ދިވެހިވަންތަކަމުގެ ބިންގަލަކީވެސް ދިވެހި ކަނޑުތައް،" ރައީސް ވިދާޅުވި އެވެ.

މޫސުމީ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށްވެސް ރައީސްގެ މެސެޖުގައި ވާހަކަދައްކަވާފައިވެ އެވެ. މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑުގެ ފިނިހޫނުމިން އުފުލި، ފަރުތަކުގެ މުރަކަތައް ހަލާކުވެ، ގާ ހުދުވުމުގެ އިތުރަށް މަސްއައިންތަކުގެ ހިޖުރައިގެ އުސްލޫބަށްވެސް ބަދަލު އަންނަކަން ފާހަގަކުރެއްވި އެވެ. ދިވެހިރާއްޖެ ފަދަ ގައުމަކަށް، މިކަންކަމަކީ މިހާރުން މިހާރަށް ސަމާލުކަން ދޭންޖެހޭ، އިގްތިސާދީ ހަގީގަތްތަކެއް ކަމުގައިވެސް ވިދާޅުވި އެވެ.

ކަނޑުތައް ހިމާޔަތް ކުރުމަށްޓަކައި ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުންވެސް ރައީސް މެސެޖުގައި އަލިއަޅުވާލެއްވި އެވެ. އެގޮތުން މުރަކައިގެ ދިރުންތައް ރައްކާތެރިކޮށް އާލާ ކުރުމަށް ހިންގާ ހަރަކާތްތަކާއި، ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކުރުމާއި، ދެމެހެއްޓެނިވި ގޮތެއްގައި އިގްތިސާދު ސިންދަފާތު ކުރުމަކީ ރާއްޖެއިން އަޅަމުންދާ ބައެއް ފިޔަވަޅުތައްކަން ރައީސް ފާހަގަކުރެއްވި އެވެ.

ކުރިއަށް އޮތީ ސައިންސާއި، އިޔާދަކުރަނިވި ހަކަތައިގެ ރޮނގުން އާ ފުރުސަތުތައް ފަހިކޮށް، މަސްވެރިކަން ކުރިއަރުވައި، ކަނޑުތަކުން ލިބެން ހުރި ނިއުމަތްތައް ދެނެގަތުމުގެ އީޖާދީ މަސައްކަތްތައް ކަމުގައިވެސް ވިދާޅުވި އެވެ. އެގޮތުން ދިރާސާކޮށް ޓެކްނޮލޮޖީގެ އަލީގައި، މީގެ ކުރިން އެއްވެސް އަގެއް ނެތި ކުނީގެ ގޮތުގައި އުކާލަމުން އައި ތަކެތިން އާ ތަކެތި އުފެއްދުމުގެ ދާއިރާގައި އިންވެސްޓް ކުރުމާއި، ރާއްޖޭގައި ފަރުމާކޮށް އުފެއްދިދާނެ ތަކެއްޗާއި، އުފެއްދުންތެރިކަން އިތުރުކުރެވޭނެ، އޮޓޯމޭޝަންގެ ދާއިރާގައި އިންވެސްޓް ކުރުމަށް ރައީސް މެސެޖުގައި ވައުދުވެވަޑައިގެންފައިވެ އެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ ކޮންމެ މީހަކީވެސް ކަނޑުތައް ހިމާޔަތްކޮށް، ކަނޑުތަކާބެހޭ މައުލޫމާތު އެނގޭ މީހަކަށް ވުމަށް ގޮވާލައްވަމުންނެވެ.