އާމޭނިއަން ޔޫތު އޯޕަންގައި ބައިވެރިވެ ރާއްޖޭގެ އުއްމީދީ ބެޑްމިންޓަން ކުޅުންތެރިޔާ ލައިބާ އަހްމަދު މަޚްލޫފް ހޯދި ކާމިޔާބަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ.
އާމޭނިއާގައި ކުރިއަށް ދިޔަ ޔޫތު އޯޕަން ބެޑްމިންޓަން މުބާރާތުގައި ލައިބާ ވަނީ މުބާރާތުގެ ސިންގަލްސް، ޑަބަލްސް އަދި މިކްސްޑް ޑަބަލްސް އިވެންޓްތަކުން ތިން ރަން މެޑަލް ހޯދާފަ އެވެ.
މިއީ ދިވެހި ބެޑްމިންޓަން ތާރީހުގައިވެސް އެއް މުބާރާތަކުން ދިވެހި ކުޅުންތެރިޔަކު ހޯދި އެންމެ ބޮޑު ކާމިޔާބެވެ.
ރައީސްގެ މަރުހަބާގެ މެސެޖުގައި ވިދާޅުވީ ބައިނަލްއަގްވާމީ ޖޫނިއަ ބެޑްމިންޓަން މުބާރާތެއްގައި ލައިބާ ހޯދި ކާމިޔާބަކީ ދިވެހި ގައުމަށް ލިބުނު ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ. އަދި އެއީ ކުޅިވަރުގައި ރަނގަޅު މުސްތަގުބަލެއް ހޯދަން މަސައްކަތްކުރާ ކޮންމެ ކުއްޖަކަށް ނަމޫނާއެއް ކަމުގައިވެސް ވިދާޅުވި އެވެ.
"އަޅުގަނޑު އެދެނީ ލައިބާއަށް އިތުރު ކާމިޔާބީއާއި ރަން ވަނަތަކަށް. އަދި ހިތްވަރާއި ހުނަރުވެރިކަމާއެކު ކުރިއަށް ދިއުމަށް،" ލައިބާއަށް ހިތްވަރު ދެއްވަމުން ރައީސް ވިދާޅުވި އެވެ.