ސައުދީ އަރަބިއްޔާގެ މިނިސްޓާ އޮފް ހައްޖު އެންޑް އުމްރާ ޑރ. ތައުފީގު ބިން ފައުޒާން އައްރަބީއާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވައިފި ކުރައްވައިފި އެވެ.
ސައުދި އަރަބިއްޔާގެ މިނާގައި ހުންނަ ހައްޖު މިނިސްޓްރީގެ އޮފީހުގައި ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި ރައިސް މުއިއްޒު ވަނީ، ސައުދީ ސަރުކާރުން ދެއްވަމުން ގެންދަވާ މެހުމާންދާރީއާއި އެއްބާރުލެއްވުމަށްޓަކައި އަދި އެންމެހައި ހައްޖާޖީންނަށް ފޯރުކޮށްދެއްވި ފުރިހަމަ ހިދުމަތަށްޓަކައި، ސައުދީ ރަސްގެފާނަށާއި ވަލީއަހްދަށް ޝުކުރު އަދާކުރައްވާފަ އެވެ.
ރައީސް މުއިއްޒުގެ ވާހަކަފުޅުގައި މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ހިމެނުމާއެކު ހައްޖާޖީންގެ ދަތުރުފަތުރަށް ލިބުނު ލުއިފަސޭހަކަން ފާހަގަކުރައްވައި، ދިވެހި ހައްޖާޖީންނަށް ދެއްވި ހާއްސަ މެހުމާންދާރީއަށާއި އެ ގައުމުގައި ތިބުމަށް އެކޮމޮޑޭޝަން ހަމަޖެއްސުމުގައި، އިންތިޒާމުތަކުގެ ފުރިހަމަކަމަށް ތައުރީފް ކުރެއްވި އެވެ.
ރައީސް މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ވަޑައިގެން މި ވަގުތު ތިއްބެވީ ސައުދީ އަރަބިއްޔާ ގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި، އަރިހުގައި ވަޑައިގެންނެވި މަތީފަންތީގެ ވަފުދު ސައުދީގައި ތިއްބަވަނީ ސައުދީ ސަރުކާރުގެ ހާއްސަ މެހުމާނުންގެ ގޮތުގައެވެ.