މަސްތުވާތަކެތި

ޑްރަގު އެތެރެކުރި ބޯޓުގެ ކެޕްޓަން ނޫން އެންމެން ކޯޓުން ދޫކޮށްލައިފި

ރާއްޖެއަށް ކަނޑުމަގުން ހަތް ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ ތުހުމަތުގައި އަތުލައިގެން "މުތާ ޑައިމަންޑް" ބޯޓުގެ ކެޕްޓަން ފިޔަވައި ދެން ތިބި އެންމެން ދޫކޮށްލައިފި އެވެ.

ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި ބޭރުގެ ބޯޓުގެ ކެޕްޓަން އަދިވެސް ހުރީ ހައްޔަރުކޮށްފަ އެވެ. ހަތް ފަހަރެއްގެ މަތިން މުއްދަތު އިތުރުކޮށްފައިވާއިރު، ކެޕްޓަންގެ ބަންދަށް އެންމެ ފަހުން ޖެހީ 30 ދުވަހެވެ.

ހަތް ކިލޯގެ މަސްތުވާތަކެއްޗާއެކު މިދިޔަ މާޗު މަހު އަތުލައިގެން ބޯޓަކީ "މުތާ ޑައިމަންޑް" ކިޔާ ބޯޓެކެވެ. އެ ބޯޓުން 10 މީހުން ހައްޔަރުކުރިއިރު އެއީ އިންޑިއާ މީހުންނާއި އިންޑޮނީޝިއާ މީހުންނެވެ.

މީގެތެރެއިން ކުރިން ދޫކޮށްލި އެކެއްގެ މައްސަލަ ދައުލަތުން އިސްތިއުނާފުވެސް ކުރި އެވެ. އެކަމަކު ހައިކޯޓުން އެ މައްސަލަ ބަލައި ނުގަތެވެ. އޭގެ ތެރެއިން ކެޕްޓަން ނޫން އެހެން އެންމެން މިހާރު ދޫކޮށްލީ އެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތީގެ ވިޔަފާރިކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިބި ބިދޭސީންނަށް ވަކީލުން ހަމަޖައްސައިދޭން ޖެހުނީވެސް ދައުލަތަށެވެ.

މި މީހުންގެ ބަންދު އަމުރު ރިޕޯޓުގައި މި ކުށަކީ ގިނަ ބަޔަކު ބައިވެރިވެގެން ހިންގާފައިވާ ކުށެއް ކަމަށް މައްސަލަ ތަހުގީގު ކުރި ފަރާތްތަކުން ފާހަގަކޮށްފައިވެ އެވެ.

ފުލުހުން ބުނި ގޮތުގައި އެމީހުން ހައްޔަރުކޮށްފައިވަނީ ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ މާޗް މަހުގެ 21 ވަނަ ދުވަހު ދަންވަރު ހިންގި ޖޮއިންޓް އޮޕަރޭޝަނެއްގައި މާލެ ސަރަހައްދުން ބޯޓެއް ބަލައި ފާސްކޮށް މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ ހަތް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާ އެކު އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބޯޓުވެސް މިހާރު ވަނީ ދޫކޮށްލާފަ އެވެ. ބޯޓު ދޫކޮށްލުމާއެކު އެހެން ފަޅުވެރިންތަކަކާއެކު ބޯޓު ފުރައިގެން ގޮސްފައިވާ ކަމަށްވެސް އެނގިފައިވެ އެވެ. މިކަމާ ގުޅޭ ގޮތުން ފުލުހުން ވާހަކަ ދައްކާފައެއް ނުވެ އެވެ.

ބޯޓު ދޫކޮށްލާފައިވީ ނަމަވެސް ބޯޓުގެ ސީސީޓީވީ ފުޓޭޖް، ތަހުގީގަށް ހޯދާފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.